ޚަބަރު
ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި (ވ) އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު (ކ) ---
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި، އެ މައްސަލަ މަޖިލީހަށް ފޮނުވީ ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލަ ދިރާސާ ކުރަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ސިއްރުން ބޭއްވި ބައްދަލުވުމަށްފަހު ނިންމީ، އެ ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
މަޖިލީހުގެ ތަޅުމަށް އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމޭނީ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
އެ މައްސަލާގައި، ކޮމެޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ކުރިން އެދިވަޑައިގަތް ނަމަވެސް، ކޮމެޓީން އިއްޔެ ނިންމާފައިވަނީ އެ ފުރުސަތު ނުދިނުމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން މިއަދުގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުމަކާއެކު، އެ ކޮމެޓީ ސިއްރުކުރަން ނިންމިއެވެ. އަދި އެ ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ކޮމެޓީ ބައްދަލުވުން ބޮއިކޮޓްކޮށްފައެވެ.