ޚަބަރު
"ނުރައްކާތެރި ކުނި" މެނޭޖުކުރާ ސެންޓަރެއް ވަންދޫގައި ޤާއިމްކުރަނީ

ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރުމަށް ޙާއްސަ ސެންޓަރު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާ
ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖުކުރުމަށް ޙާއްސަ ސެންޓަރެއް ރ. ވަންދޫގައި ޤާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މި ސެންޓަރުން މިފަދަ ކުނި ރީސައިކަލްކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާނެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކުރީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރުގެ ނައިބު، ޙައްސާން މުޙައްމަދެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮފީސް މެނޭޖަރ ޝަދީން އިބްރާހިމެވެ.
މި ސެންޓަރަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއެކު ތަރައްޤީކުރާ ތަނެކެވެ. އަދި މި މަޝްރޫއަށް 18.5 މިލިޔަން ރުފިޔާ ޚަރަދުކުރާނެކަމަށް ވަޒީރުގެ ނައިބު ޙައްސާން ވަނީ ވިދާޅުވެފައެވެ.
The Ministry has signed a contract with Wee Hour Investment Pvt Ltd for the design and construction of an Interim Hazardous Waste Storage Facility in R. Vandhoo, within the Regional Waste Management Facility. The project is scheduled to be completed within 10 months. pic.twitter.com/4bbsesH0AS
— Ministry of Tourism and Environment (@MoTmv) May 11, 2025
މި މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓްއާ ހަވާލުކޮށްފައި ވަނީ 10 މަސްދުވަހުން ނިންމުމަށެވެ. އެހެންކަމުން މި މަސައްކަތް އަންނަ އަހަރުގެ މާރޗް މަހު ނިންމައި، ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވުޒާރާއާ ހަވާލުކުރަން ޖެހޭނެއެވެ.
އެ ސެންޓަރުގެ މަސައްކަތްތައް ކުރިޔަށްދާނެ ގޮތް ޖުމްލަ ގޮތެއްގައި އޮޅުންފިލުވާދެއްވަމުން ޙައްސާން ވިދާޅުވީ، އެ ފެސިލިޓީއަށް ނުރައްކާތެރި ކުންޏާއި ކެމިކަލް ގެނެސް 4 ބަޔަކަށް ބަހާލާނެ ކަމަށެވެ. އެއީ ލިތިއަމް ބެޓެރީ، އަލިފާން ނިއްވާ ފުޅި، ޓޮކްސިކް ކުންޏާއި ޕްރެޝަރ ވެސެލްސް ވަކިވަކި ކުރުމަށްކަމަށް ވެސް ޙައްސާން ފާހަގަ ކުރެއްވެވިއެވެ.
މި ސެންޓަރު އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ވަންދޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ. މި ތަނުގައި އޮފީސް ބައެއްގެ އިތުރުން، ކުނި ރައްކާކުރާ ބަޔަކާއި، ކުނި ރީސައިކަލްކުރާ ބައެއް ވެސް ހިމެނޭނެއެވެ.
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއިއެކު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާ ގުޅިގެން ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ދިވެހި ސަރުކާރުން ވަނީ ޚާއްސަ މަޝްރޫޢެއްވެސް ފަށްޓަވާފައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލް އަދި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރުކޮށް، ކުންޏާއި ކެމިކަލް މެނޭޖުރުމަށް ޚާއްސަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
ނުރައްކާތެރި ކުނި މެނޭޖުކުރާ ސެންޓަރެއް މީގެ ކުރިން ވަނީ މާލެއިން ދެކުނުގައި، އައްޑޫގައި ޤާއިމްކޮށްފައެވެ.