ޚަބަރު
އައްޑޫ ފެނަކަ އޮޑިޓު: އާއިލީ ވިޔަފާރިތަކަށް ފައިދާ ހޯދައިދިނުމުގެ އިތުރުން ގިނަ މައްސަލަތަކެއް

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ޖަނަރޭޓަރެއް ގެންދިއުން---
އާއިލީ ވިޔަފާރިތަކަށް ފައިދާވާ ގޮތަށް މަސައްކަތް ކުރިކަމަށާއި، ކުންފުނީގެ އާމްދަނީ މުވައްޒަފެއްގެ އަމިއްލަ އެކައުންޓުގައި ބެހެއްޓިކަމާއި، މީގެ އިތުރުން ވެސް ކޮރަޕްޝަނަށް މަގުފައިވާ ގިނަ ކަންކަން ހިނގާފައިވާ ކަމަށް، އައްޑޫ ފެނަކަ ބްރާންޗުގެ ޖެނުއަރީ 2020 އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހިންގާފައިވާ މަޝްރޫއުތަކާއި މަސައްކަތްތަކާ ގުޅޭ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓު އޮފީހުން ހަދާފައިވާ ރިޕޯޓެކެވެ. އަދި އޮޑިޓު ނިންމުމަށްފަހު އޮޑިޓު އޮފީހުން މި ރިޕޯޓު މިދިޔަ ހުކުރު ދުވަހުގެ ރޭ ހާމަކުރިއިރު، އައްޑޫ ފެނަކަ ބްރާންޗުގެ ގިނަ މައްސަލަތަކެއް ވަނީ ހާމަވެފައެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައި އޮތް އެއް މައްސަލައަކީ، އާމްދަނީގެ ގޮތުގައި މަރަދޫފޭދޫ ބްރާންޗަށް އޮގަސްޓް 25، 2024 އިން ސެޕްޓެމްބަރު 16، 2024 އަށް ލިބިފައިވާ 409،450ރ. އެއްކޮށް ކުންފުނީގެ އެކައުންޓަށް ޖަމާވެފައި ނުވުމެވެ. އެގޮތުން ކުންފުނީގެ އެކައުންޓަށް ޖަމާވެފައި އޮތީ 92،410ރ.އެވެ. ނަމަވެސް މިކަމުގައި ޝާމިލުވާ މުވައްޒަފަށް އެކަން އެންގުމުން، ކުންފުންޏަށް ޖަމާކޮށްފައިނުވާ 317،040ރ. މިދިޔަ ސެޕްޓެމްބަރު 29 ގައި ދައްކާފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ.
އަދި އައްޑޫގައި ހިންގި މަޝްރޫޢުތަކަށް ޕެޓީ ކޭޝް ބޭނުންކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296ރ. ގެ ތަކެތި ގަނެފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220ރ. ގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ޚަރަދުކޮށްފައިވާ ޖުމްލަ 4.3 މިލިއަން ރުފިޔާގެ ތެރެއިން، ސައްހަ ގޮތުގައި ޚަރަދުކޮށްފައިވަނީ ކިހާ ފައިސާއެއްކަން ކަށަވަރުނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަދި ޕެޓީ ކޭޝްގެ ފައިސާގެ ޚަރަދުތައް ރަގަޅަށް ބަލަހައްޓާފައި ނެތުމުން، ބައެއް ބިލްތަކަށް ދެ ފަހަރަށް ފައިސާދައްކާފައިވާކަން ވެސް ވަނީ ފާހަގަވެފައެވެ.
މީގެ އިތުރުން، ކޯޓޭޝަން ހޯދުމަކާ ނުލައި އަދި ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީއާ ޚިލާފަށް ތިން ފަރާތަކުން ކޯޓޭޝަން ނުހޯދައި އަދި ކުންފުނީގެ އިސް މުވައްޒަފަކާ އާއިލީ ގުޅުން އޮތް ވިޔަފާރިއަކުން 1،516،182ރ. ގެ ތަކެތި ހޯދާފައިވުމާއި އެ ތަކެތި ހޯދަން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުގައި ހުއްދަ ދިނުމަށް އެ މުވައްޒަފު ސޮއިކޮށްފައިވާކަން ވެސް ވަނީ ފާހަގަވެފައެވެ.
މިކަންކަމުގެ އިތުރުން، ހިތަދޫގައި ސެންޓްރަލް އިންޖީނުގެ އަޅަން އެހެން ރަށްރަށުން ގެންދިޔަ މުވައްޒަފުން ތިނުމަށް 10 ގެ އެކި އަވަށްތަކުން ހިފާފައިވީނަމަވެސް، އެކަމުގެ ފުރިހަމަ ރެކޯޑެއް ބަލަހައްޓާފައި ނުވާކަން އޮޑިޓަށް ފާހަގަވިއެވެ. އެގޮތުން މި މުވައްޒަފުންގެ ދަތުރު ފަތުރަށް 232،584ރ. ޚަރަދުކޮށްފައިވާއިރު، ގެތައް ކުއްޔަށް ނަގަން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ހަމައެއާއެކު ފެނާއި ނަރުދަމާ އަދި ސެންޓްރަލް ޕަވަ ހައުސް ޕްރޮޖެކްޓަށް އިއުލާންކުރުމަކާ ނުލައި، ކޯޓޭޝަން ހޯދައިގެން ފަސް އެކްސްކަވޭޓަރާއި ހަތަރު ޕިކަޕު އަދި ބައުޒަރެއް އެއް މަހަށް ކުއްޔަށް ނަގުމަށްފަހު ގިނަ މަސްތަކެއް ވަންދެން އެ ތަކެތި ކުއްޔަށް ނެގި އެއްބަސްވުން ދަންމާލާފައިވާކަމަށް ވެއެވެ. މިކަމުގައި ކުންފުންޏަށް ފައިދާވާނެ ގޮތް ދިރާސާކޮށްފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިކަމަށް 15.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ 10 ވެހިކަލް ގަތުމަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ 4.3 މިލިއަން ރުފިޔާއަށް ވުރެ 11.6 މިލިއަން ރުފިޔާގެ އިތުރުވުމެއްކަން ވެސް އޮޑިޓު ރިޕޯޓުގައި ވެއެވެ.