ވިޔަފާރި / ޚަބަރު
ރޯދަމަހުގެ ޑިސްކައުންޓް އޭޕްރީލް މަހުގެ ބިލަށްވެސް ވަނީ ދީފަ: ސްޓެލްކޯ

ސްޓެލްކޯ ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
މި އަހަރުގެ ރޯދަމަސް ކަމަށްވާ މާރިޗު މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށްފަހު، އޭޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ޑިސްކައުންޓު ދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
މާރިޗް މަހާއި އޭޕްރީލް މަހުގެ ކަރަންޓު ބިލަށް އެއްވަރަކަށް ފައިސާ ދައްކަން ޖެހުމުން، ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ، ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި މިކަން ސާފުކޮށްދީފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މާރިޗު މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދިން ފަދައިން، އޭޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.
ސްޓެލްކޯއިން މިފަދައިން ޢަމަލުކޮށްފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުންނެވެ. މިގޮތުން، އޭޕްރީލް މަހުގެ ކަރަންޓު ބޭނުންކުރެވުނު މިންވަރު މާރިޗު މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ފައިސާގެ އަދަދު މާރިޗު މަހުގެ ބިލާ އެއްވަރުވެފައިވަނީ މި ލުއި ދިނުމުގެ ސަބަބުން ކަމަށްށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އެންގުމާ އެއްގޮތަށް ކަރަންޓު ބިލުތައް ބޮޑު ނުކުރުމަށްޓަކައި، ގިނަ ގެތަކަށް ބިލުކޮށްފައިވަނީ ރޯދަ މަހުގެ ބިލަށް ވުރެ ބިލު ބޮޑު ނުވާވަރަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެއަށްވުރެ ބިލު ބޮޑުވާނަމަ، ރޯދަ މަހުގެ ޑިސްކައުންޓް ބިލާ އެއްވަރުގެ ބިލެއް ފޮނުވާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލުން މުޅި ޖުމްލަ 160 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ރައްޔިތުންނަށް ދީފައިވާއިރު، އެއީ 10 ޕަސެންޓުގެ ޑިސްކައުންޓެއް ކަމަށް ސްޓެލްކޯއިން ކުރިން ހާމަކޮށްފައިވެއެވެ.