ޚަބަރު
ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް 2.0 އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް 2.0 އިފްތިތާޙު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ ---
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މޯލްޑިވްސް 2.0 މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރާއްޖޭގެ އިދާރީ ހިންގުމުގެ ބިޔަބޮޑު ބަދަލާ ގުޅޭ މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކުރެއްވީ، އެކަމަށް ޙާއްސަކޮށް މިރޭ ބާސެލޯ ނަސަންދުރައިގެ އޮތް ރަސްމިއްޔާތެއްގައެވެ.
މި ޕްރޮގްރާމަކީ ދައުލަތުގެ ހުރިހާ މުވައްސަސާއެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަވަސް ޚިދުމަތް ފޯރުދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ސަރުކާރު ހިންގުން ބަދަލުކުރުމަކީ މި ޕްރޮގްރާމުގެ އަމާޒެވެ.
ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ މި ފެށި ސަމިޓު ތިން ދުވަހަށް ދެމިގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ސަމިޓުގައި ދައުލަތުގެ ހުރިހާ މުވައްސަސާތަކެއްގެ އިތުރުން، ޕްރައިވެޓް ސެކްޓަރއިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި ސަމިޓުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެކަމަށް ކުރިން ހާމަކޮށްފައިވެއެވެ.
އަދި ސަރުކާރުގެ އަމާޒަކީ، 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވްސް 2.0 ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމައި، މުޅި ރާއްޖެ އެކީ ޓިޖިޓަލައިޒް ކުރުމެވެ.
މި މަސައްކަތުގައި ސަރުކާރުގެ އަމާޒަކީ އެސްޓޯނިއާއިން 25 އަހަރުން ކުރި ކަންތައް، ރާއްޖޭގައި 4 އަހަރުން ކުރެވޭތޯ މަސައްކަތްކުރުމެވެ. މި ކަމުގައި އެސްޓޯނިއާގެ ތަޖުރިބާއިން ދަސްކޮށްގެން މިކަން ޙާޞިލުކުރެވޭނެކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ޤަބޫލުކުރާކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި ބޮޑު ބަދަލު ގެނައުމުގައި "ޗޭންޖް މެނޭޖްމަންޓް" ގެ މުހިންމުކަން ފާހަގަކުރައްވައި، 2030 ވަނަ އަހަރާ ހަމައަށް ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް އުންމީދުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވަނީ އިއްޔެ އޮތް "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވިދާޅުވެފައެވެ.