ވިޔަފާރި / ޚަބަރު
ޓުއަރިޒަމް: މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، މި އަހަރު %17ގެ ކުރިއެރުމެއް

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާގެ ފަތުރުވެރިން ---
މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު، މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %17ގެ ކުރިއެރުމެއް ލިބިއްޖެއެވެ.
ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަ ސިނާއަތް އިތުރަށް ކުރިއެރުވުމަށް، ސަރުކާރާއި އަމިއްލަފަރާތްތަކުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއާއެކު، ރާއްޖޭގެ އެނދުގެ އަދަދު އިތުރުވެ، ކޮންމެ އަހަރަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް 168،366 ފަތުރުވެރިން ޒިޔާރަތަކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 29،956 އިތުރެވެ. އެއީ %17.8ގެ ކުރިއެރުމެކެވެ. އަދި މި އަހަރުގެ އެޕްރީލް މަހު އެވަރެޖުކޮށް ދުވާލަކަށް 6،611 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ މިއަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 806،444 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މި އަހަރު ވަނީ 870،979 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ %8ގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރު މެއި 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައީ ރަޝިއާއެވެ. އަދި ތިން ވަނައަށް އިނގިރޭސިވިލާތެވެ.