Ads by Aqeeqa Maldives

ޚަބަރު

މޯލްޑިވްސް 2.0: ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ޢަމަލީ މަސައްކަތް ހުކުރު ދުވަހުގެރޭ ފަށަނީ

މޯލްޑިވްސް 2.0: ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ޢަމަލީ މަސައްކަތް ހުކުރު ދުވަހުގެރޭ ފަށަނީ

މޯލްޑިވްސް 2.0 ---

08 މޭ 2025، 11:12

މޯލްޑިވްސް 2.0 ނުވަތަ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ޢަމަލީ މަސައްކަތް ހުކުރު ދުވަހުގެރޭ ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. 

މި ބިޔަ ބަދަލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މި މަސައްކަތަކީ ޑިޖިޓަލް ފަސްޓް ނުވަތަ ޑިޖިޓަލް ހައްލުތަކަށް އެންމެ މަތީ އިސްކަމެއް ދޭ ދިވެހިރާއްޖެއެއް ކޮންމެ ރައްޔިތަކަށްޓަކައި، އަދި ކޮންމެ ރަށަކަށްޓަކައި، އަދި އަންނާން ހުރި ހުރިހާ ޖީލުތަކަށްޓަކައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ކުރިމަގުގެ ތަސައްވުރު ކަމަށެވެ.

ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކުރިޔަށްގެންދާ ސަމިޓު ތިން ދުވަހަށް ދެމިގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި މި ސަމިޓުގައި ދައުލަތުގެ ހުރިހާ މުވައްސަސާތަކެއްގެ އިތުރުން، ޕްރައިވެޓް ސެކްޓަރއިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި ސަމިޓުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ. 

މި ސަމިޓުގެ ތެރެއިން ސްމާޓް އައިޑީ ކާޑު ލޯންޗުކުރުމާއި ނެޝަނަލް ޑިޖިޓަލް ހެލްތު ރޯޑު މެޕް ތަޢާރަފްކުރުން ވެސް އޮންނާނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. 

އަދި ސަރުކާރުގެ އަމާޒަކީ، 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވްސް 2.0 ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމައި، މުޅި ރާއްޖެ އެކީ ޓިޖިޓަލައިޒް ކުރުމެވެ. 

މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން މިއަދު އޮތް "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެސްޓޯނިއާއިން 25 އަހަރުން ކުރި ކަންތައް، ރާއްޖޭގައި 4 އަހަރުން ކުރެވޭތޯ މަސައްކަތްކުރާ ކަމަށާއި، އެސްޓޯނިއާގެ ތަޖުރިބާއިން ދަސްކޮށްގެން މިކަން ޙާޞިލުކުރެވޭނެކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރާކަމަށެވެ.

މި ބޮޑު ބަދަލު ގެނައުމުގައި "ޗޭންޖް މެނޭޖްމަންޓް" ގެ މުހިންމުކަން ފާހަގަކުރައްވައި، 2030 ވަނަ އަހަރާ ހަމައަށް ދިވެހި ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ނިޒާމުގެ ފައިދާތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ނިޒާމު އޮޓޮމޭޓުކޮށް ޑިޖިޓަލައިޒްކުރުމުން، މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ހަނިވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދުމަށް ފަސޭހަވެ، ކޮރަޕްޝަން ބޮޑުތަނުން މަދުކުރެވޭނެކަމަށެވެ. އަދި މި ނިޒާމުގައި ސަރުކާރާއި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓަރގެ މައިގަނޑު ޚިދުމަތްދޭ އިދާރާތައްވެސް ހިމެނޭ ގޮތަށް އެއް ވިއުގައަކުން ގުޅާލެވޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS