Ads by Aqeeqa Maldives

ޚަބަރު

ޖަރުމަނުވިލާތުގެ އައު ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޖަރުމަނުވިލާތުގެ އައު ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޖަރުމަނުވިލާތުގެ އައު ފެޑެރަލް ފޮރިން މިނިސްޓަރަށް ތަޙުނިޔާ ފޮނުވުން ---

08 މޭ 2025، 09:41

ޖަރުމަނުވިލާތުގެ އައު ފެޑެރަލް ފޮރިން މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރި، ހިޒް އެކްސެލެންސީ ޑޮކްޓަރ ޖޮހާން ޑޭވިޑް ވޭޑްޕުލްއަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު ޚަލީލްގެ މެސެޖުގައި ވިދާޅުވީ، މިނިސްޓަރ ޖޮހާންއާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައިވާ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. 

އަދި ރާއްޖެ އާއި ޖަރުމަނުވިލާތާ އޮތް ގުޅުމަށް 60 އަހަރު ފުރުމަށް ކައިރިވެފައިވާއިރު، މިހާ ދިގުމުއްދަތަކަށް ދެމިގެން ދިޔަ ގުޅުމުގެ އަގުވަޒަންކޮށް، މި މުނާސަބަތާ ގުޅިގެން ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަރަށް ކައިރިން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމަށް އަލިވިލެމުން އަންނައިރު، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ އަގުވަޒަންކޮށް، މި މުނާސަބާތާ ގުޅުވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް މަނިކުފާނާއެކު ގާތުން މަސައްކަތްކުރަމަށް ތައްޔާރަށްހުރިކަމުގެ ޔަޤީންކަން އަރުވަމެވެ." މިނިސްޓަރު ޚަލީލުގެ މެސެޖުގައި ވެއެވެ. 

ޖަރުމަނިވިލާތާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެތައް އަހަރެއްވެފައިވާއިރު، އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ 2016 ވަނަ އަހަރުގެ ޖޫންމަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS