ޚަބަރު
ދުނިޔެ ކުރިއަރަމުންދާ މިންވަރަކަށް ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބަދަލު އަންނާނެ: އިޙްސާން

ދާޚިލީ ވަޒީރު އަލީ އިޙްސާން. ފޮޓޯ: އިމިގްރޭޝަން
ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނީ ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބަދަލު އަންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނަށް ކުރިއަށް ގެންދިޔަ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު އިޙްސާން ވިދާޅުވީ ޒަމާން ބަދަލުވެ، ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނު ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.
އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އައު މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިނުކޮށް، ތާޒާ ނުކުރެވޭނެމަ، މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުން ވަރަށް މުހިންމު ކަމަށެވެ.
"އެގްޒެކެޓިވް ލީޑަރޝިޕް ޓްރެއިނިން"ގެ ނަމުގައި ކުރިއަށްދިޔަ ތަމްރީން ޕްރޮގުރާމުގައި "އެފެކްޓިވް" މީހުންގެ ކިބައިގައި ހުންނާނެ 7 އާދައެއްގެ މައްޗަށް ބޭރުގެ ލިޔުންތެރިއަކު ލިޔެފައިވާ ފޮތެއްގައި ހުރި މަޢުލޫމާތުތަކަށް އަލިއަޅުވާލާފައިވެއެވެ. މިއީ މުވައްޒަފުންކުރާ މަސައްކަތުގައި ބޭނުންކުރެވިދާނެ އާދަތަކާއި ފުރިހަމަ ގޮތުގައި ޚިދުމަތްދިނުމަށްޓަކައި ބޭނުންވާނެ އެކި ކަންކަމަަށް މުހިންމު މަޢުލޫމާތުތަކެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.