ޚަބަރު
ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ހޯދުމަށް އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް

އެސްޓީއޯއިން އެޗްއެލްއެލް ލައިފްކެއަރއާއެކު އެއްބަސްވުމެއްގައި ސޮއިކުރުން، ފޮޓޯ: އެސްޓީއޯ
ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ހޯދުމަށް އިންޑިއާގެ ކުންފުންޏަކާއެކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން އެއްބަސްވުމަކަށް އައިސްފިއެވެ. މިއީ ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހެދުމަށް ވެވުނު އެއްބަސްވުމެކެވެ.
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައިކަން ސަރުކާރުން އާސަންދަ އިސްލާޙުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިންވަނީ ފާހަގަވެފައެވެ. އަދި އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ޚަރަދު ބޮޑު ނިޒާމެއް ޤާއިމުވެފައި އޮތްކަންވެސް އޭރު ވަނީ ފާހަގަވެފައެވެ.
މިކަން ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން، ބޭހުގެ ޚިދުމަތްދެމުން އަންނަ ވިޔަފާއިތަކުން ވަނީ ރާއްޖެއަށް ބައެއް އަސާސީ ބޭސްތައް އެތެރެކުރުން ހުއްޓާލާފައެވެ. އަދި މިކަމުގެ ސަބަބުން ބޭސް ލިބުމުގައި އާންމުންނަށް ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
ނަމަވެސް އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އެ ކުންފުންޏާއި އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ)އާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން މި މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދިގެން ދާނެއެވެ. އަދި މިއީ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ވެވުނު ސްޓްރެޓެޖިކް އެއްބަސްވުމެއް ކަމުގައި އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
Delighted to partner with @HLLLifecare (Govt of India) under the #JanaushadhiScheme, tackling import challenges head-on. By linking Maldives to one of the world’s largest pharma supply chains, we secure price stability and reliable access to essential medicines. @HCIMaldives pic.twitter.com/80EDGvqBHB
— STO (@stoplc) May 8, 2025
އެސްޓީއޯއިން ވަނީ އެޗްއެލްއެލް ލައިފްކެއަރއާއެކު މީގެކުރިންވެސް މަސައްކަތްކޮށްފައެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެ ކުންފުނިން ވަނީ އެސްޓީއޯއަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، އުނދަގޫ ދަނޑިވަޅެއްގައި އިތުބާރުހުރި އަދި ވަގުތަށް ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
މީގެ އިތުރުން އެސްޓީއޯން ހާމަކުރި ގޮތުގައި އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާއެވެ.