ޚަބަރު
މެރިކަލްޗަރ އަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއްނޫން، އަންހެނުންގެ ބައިވެރިވުންވެސް މުހިންމު: ވަޒީރު ޝިޔާމް

ރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މެރިކަލްޗަރއަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ދާއިރާއެއްނޫން ކަމަށާއި އަންހެނުންގެ ބައިވެރިވުންވެސް މުހިންމުކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، ރާއްޖޭގައި މެރިކަލްޗަރ އަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.
އަދި މިކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މެރިކަލްޗަރ ތަރައްޤީކުރުމަށް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް މިހާރުވެސް ބާއްވަމުންދާކަމަށެވެ. އަދި މި ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވުމާއެކު، ރަށްރަށާއި ކައިރިން އާމްދަނީއާ ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރެވިގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންނަށް މިއަދު ޔަޤީންކަން ދީފި މި މަސައްކަތަކީވެސް ހަމައެކަނި ފިރިހެނުންނަށް އޮންނަ މަސައްކަތެއް ނޫންކަން. މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމު އަންހެން ބޭފުޅެއް ފުރިހަމަކުރުމަކީ މިއަދު އަޅުގަނޑަށް އަދި ސަރުކާރަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިންހަމަޖެހުމާއި އުފަލެއް. 15 ބައިވެރިންގެ ތެރެއިން 1 ބޭފުޅަކު އަންހެން ބޭފުޅަކަށް ވުމުން މެރިކަލްޗަރއަކީ އަންހެން ބޭފުޅުންނަށްވެސް އޮތް ދާއިރާއެއްކަން ވަރަށް ރަނގަޅަށް ހާމަވޭ.
މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު 2 ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މިއަހަރުގެ ތަމްރީނު ޕްރޮގްރާމް އޮތީ އެޕްރީލް މަހުގެ 26ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 8ވަނަ ދުވަހާއި ހަމައަށް ކ. މަނިޔަފުށީގައެވެ. އަދި މި ޕްރޮގްރާމުގައި ރާއްޖޭގެ 9 ސަރަހައްދަކުން 15 މީހުން ވަނީ ބައިވެރިވެފައެވެ.