ޚަބަރު
އާންމުންގެ ފަރާތުން ޔުމްނު ވެއްޓުމާއި ގުޅޭ މައުލޫމާތު ހޯދަން ޚާއްޞަ ޕޯޓަލްއެއް ޤާއިމުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ އިންކުއަރީ ކޮމިޝަން
މާލޭގައި މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހިނގި، ޒުވާން އަންހެން ކުއްޖަކު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ އިންކުއަރީ ކޮމިޝަނުން، އާންމުންގެ އެހީތެރިކަން ހޯދުމަށް ޚާއްޞަ ޕޯޓަލެއް މިއަދު ހުޅުވާލައިފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް، އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ އަދި އެހެނިހެން ލިޔެކިޔުންތަކާއި މަޢުލޫމާތު ކޮމިޝަނާ ހިއްސާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ، އެ ޕޯޓަލް މެދުވެރިކޮށް އެ ސުވާލު ކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.
We have launched an online portal to submit queries, information, statements, photos, videos and/or any other documents relating to the incident that occurred in Male’ on 18th April 2025.
— Inquiry Commission (@InquiryCom) May 8, 2025
Visit the following link: https://t.co/62XLdxm6wX#inquirycom
އިންކުއަރީ ކޮމިޝަނުގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިކަމާގުޅޭ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިހާރު ޕޯޓަލް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ކުރާ ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ސުވާލުތަކަށް ދޭ ޖަވާބުތައް އެސްއެމްއެސް މެދުވެރިކޮށްވެސް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
ޑރ. މުނައްވަރު އިތުރަށް ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ތަޙުޤީޤާ ގުޅޭ އެކި ފަރާތްތަކާ ބައްދަލުކޮށް އިންޓަވިއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ކޮމިޝަނުގެ މަސައްކަތުގެ މައިގަނޑު ދެބައެއް ހިމެނޭއިރު، ހާދިސާއާ ގުޅޭ ކަންކަން ބެލުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް ނުބެލެވޭ ކަމަށާއި، ދެވަނަ ބަޔަކަށް ކޮމިޝަނުން ބަލާނީ ހާދިސާގެ ތަޙުޤީޤަށް ނުފޫޒު ފޯރުވާފައިވޭތޯއެވެ. މި ބައިގެ ތަޙުޤީޤަށް އިތުރު ވަގުތުތަކެއް ހޭދަވެދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
18 އޭޕުރީލް 2025 ގައި މާލޭގައި ހިނގި ހާދިސާއާ ގުޅޭގޮތުން، އެއްވެސް މަޢުލޫމާތެއް، ފޮޓޯ/ވީޑިއޯ ނުވަތަ އެނޫންވެސް އެއްވެސް ލިޔުމެއް މި ކޮމިޝަނާ ޙިއްސާކުރައްވަން ބޭނުންފުޅުވާނަމަ ނުވަތަ މި ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވަން ބޭނުންފުޅުވާނަމަ...
— Inquiry Commission (@InquiryCom) May 8, 2025
1/2
ރައީސުލްޖުމްހޫރިއްޔާ މި ޚާއްޞަ ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަނުގައި 5 މެންބަރުން ހިމެނެއެވެ. ކޮމިޝަނުގެ މަޤްޞަދަކީ އެ ހާދިސާގެ ޙަޤީޤަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ތަޙުޤީޤުކޮށް، ލަފާ ދިނުމެވެ.
މި ޕޯޓަލް ހުޅުވާލުމާއެކު، އާންމު ރައްޔިތުންނަށް މި މުހިންމު މައްސަލައިގައި އެމީހުންގެ ދައުރު އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން، ތަޙުޤީޤު އިތުރަށް ހަރުދަނާވެ، ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މަގުފަހިވެގެންދާއެވެ.