ޚަބަރު
ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް 2016 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައި ބޭއްވި އިވެންޓެއްގެ ތެރެއިން، ފޮޓޯ: އަހުމަދު ޝުރާާއު
ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޙާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް ތައުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މީގެ ކުރިން ސްކޫލް ފެންވަރުގައި މި ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދަމުން އައި ނަމަވެސް، މި އަހަރު މާލޭގެ 5 ސަރަޙައްދެއްގައި މި ދުވަސް ފާހަގަ ކުރުމުގެ ޙާއްސަ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި އެ ކުދިންގެ ޢާއިލާތައް ވެސް ބައިވެރިކުރުމެވެ. އަދި މާލޭގެ އިތުރުން، ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އެ ވުޒާރާގެ އެއްބާރުލުން ދޭނެކަމަށް ޙުސެއިން ސައީދު ވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައެވެ. އެގޮތުން މި ހަރަކާތްތައް ކުރިޔަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކް، މުޙްޔިއްދީން ސްކޫލް، ރަސްފަންނު، ހެންވޭރު ދަނޑު އަދި ޖުމްހޫރީ މައިދާނުގައެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ޝަޢުގުވެރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކުގައިކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް އެ ކުދިންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތުދީ، އެ ކުދިންނާ މެދު ޤައުމުގެ ތަޞައްވަރު ކިޔާދިނުމަށް ހަމަޖެހިފައިވެއެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި ހަރަކާތްތައް ކުރިއަށް ގެންދާނީ ކްލާސްރޫމްތަކުގައި ކިޔަވައިދޭ ގަޑިތައް ނުގެއްލޭ ގޮތަށްކަމަށެވެ.
ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހެވެ.