ޚަބަރު
ތެލަސީމިއާ ކުދީންނާއި ކައިރިން މަސައްކަތްކޮށް އެ ޢާއިލާތަކަށް ހިތްހަމަޖެހުން ގެނަސްދޭނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން - 23 މާރޗު 2025، ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ކުދީންނާއި އެ ކުދިންގެ ޢާއިލާތަކާއި ކައިރިން މަސައްކަތްކޮށް، އެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތެލަސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ޚިޠާބުގައި ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ތެލަސީމިއާ ކުދީންނަށްޓަކައި އެ މަނިކުފާނު ހާމަކުރެއްވި ތަޞައްވުރާއި، ވީ ވަޢުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ތެލަސީމިއާ ކުދީންނާއި ޢާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަމެވެ.
ރައީސުލްޖުމްހޫރިއްޔާގައި ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެލަސީމިއާ ކުދިންގެ ސިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ފަރުވާގެ އިތުރުން، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭކަން ޔަގީންކުރަން ޖެހޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ތެލަސީމިއާގެ އުނދަގޫ ތަހައްމަލް ކުރަމުންދާ ކުދިންނަށް އެހީތެރިވުމުގައި މުޅި މުޖުތަމަޢު ބައިވެރިވުމަށް ވެސް ރައީސުލްކުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެމެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެއާއެކު، ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ މާތްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން އެ ކަމުގައި ﷲގެ ޙަޟްރަތުން ދަރުމަ އާއި އަޖުރު ދެއްވާނެކަން އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ގައުމެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލަސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެކެވެ.