ޚަބަރު
ނާވައިދޫ ބަނދަރުގެ 22 އިންސައްތަ މަސައްކަތް ނިމިއްޖެ

ނައިވާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ
ހދ. ނާވައިދޫ ބަނދަރުގެ 22 އިންސައްތަ މަސައްކަތް މިއަދާހަމައަށް ނިމިފައިވާކަމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ބަނދަރުގެ އެއްގަމު ތޮށި ޖެހުމުގެ މަސައްކަތެވެ.
ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގައި 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި 290 މީޓަރުގެ ބޭރު ތޮށި ލުން ވެސް ހިމެނެއެވެ.
ހދ. ނާވައިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %22 ވަނީ ނިމިފައި
— Ministry of Construction, Housing & Infrastructure (@MoCImv) May 7, 2025
Images via: @MTCCPlc #HarbourProjects pic.twitter.com/nlApFWZ46z
މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މި މަސައްކަތް 15 މަސްދުވަހުން ނިންމުމަށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހަވާލުކޮށްފައިވީނަމަވެސް، މި މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ.
މި މަސައްކަތުގެ އަގަކީ 51.3 މިލިއަން ރުފިޔާއަށެވެ.
މީގެ އިތުރުން، އެމްޓީސީސީއިން ކުރިޔަށް ގެންދާ ހއ. ދިއްދޫ ބަނދަރު ހެދުމާއި ފާލަން އެޅުމުގެ މަސައްކަތުގެ 92 އިންސައްތަ މިހާރު ނިމިފައިވާއިރު، ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ 31 އިންސައްތަ ވަނީ ނިމިފައެވެ.