Ads by Aqeeqa Maldives

ޚަބަރު

ސަރުކާރުން މާލޭގައި ޓެކްސީ ޚިދުމަތް ފެށިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ އެއްވެސް ސަބަބެއް ނޯންނާނެ: ވަޒީރު އަމީން

ސަރުކާރުން މާލޭގައި ޓެކްސީ ޚިދުމަތް ފެށިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ އެއްވެސް ސަބަބެއް ނޯންނާނެ: ވަޒީރު އަމީން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން/ފޮޓޯ: އެޑިޝަން އެމްވީ

07 މޭ 2025، 12:41

ސަރުކާރުން މާލޭގައި ޓެކްސީ ޚިދުމަތް ފެށިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޒީރު ހާޒިރުކުރައްވައި، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ އިރުޝާދުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ޚިދުމަތް ފެށި ނަމަވެސް މިހާރު މާލޭގައި ޓެކްސީކުރާ ފަރާތްތަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ. ހަމަ އެހެންމެ، މާލެ ސަރަޙައްދުގައި ޓެކްސީ ހޯދުމަށް ދިމާވާ ދަތިތައް އެ ވުޒާރާއަށް ހުށައަޅަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ތަފާތު ގޮތަކަށް ޓެކްސީ ކުރާނެ އެކި ސައިޒްގެ ޓެކްސީތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ޤާއިމުކުރާ ޓެކްސީ ލައިންގައި އެކި ސައިޒުގެ ޓެކްސީތައް ހިމެނޭކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ފެށުމަށް ނިންމަވާފައިވާ ޓެކްސީ ލައިން ބައްޓަންވެފައި އޮންނާނީ ދާއިމީކޮށް އަދި ޕާޓްޓައިމަށް ވެސް ޓެކްސީ ކުރުމުގެ ފުރުޞަތު ފަހިވާ ގޮތަށް ކަމަށެވެ. އަދި މާލެ ސަރަޙައްދުގެ މަގުތަކަށް ފެތޭ ސައިޒުގެ ޓެކްސީތައް ގެނައުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޓެކްސީ ޚިދުމަތް ވަކި މިންގަނޑެއްގައި ހިފަހައްޓާ، މި ޚިދުމަތުގައި އަޚުލާޤެއް ވެސް ހިފަހައްޓަންޖެހޭ ކަމަށެވެ.

މާލެ ސަރަޙައްދުގައި ސަރުކާރުގެ ޓެކްސީ ޚިދުމަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެދުތެރޭގައެވެ. މި ޚިދުމަތް ފެށުމާއެކު މާލޭގައި ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މި ޚިދުމަތަކީ 24 ގަޑިއިރު މެނދުކެނޑުމެއް ނެތި ލިބެމުންދާނެ ޚިދުމަތަކަށް ވުމާއެކު، މިކަމުން ރައްޔިތުންނަށް ވެސް ބޮޑެތި ފައިދާތަކެއް ވާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS