ވިޔަފާރި / ޚަބަރު
އުރީދޫ ގްރޫޕްގެ ޚިދުމަތް ދެމުން އަންނަ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފަށަނީ

ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފެށުމަށް އުރީދޫ އާއި އެމްއެމްޕީއާރުސީ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އެމްއެމްޕީއާރުސީ
އުރީދޫ ގްރޫޕްގެ ޚިދުމަތް ދެމުން އަންނަ ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިނެއް ފެށުމަށް އުރީދޫ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގޮތުން ދުނިޔޭގެ 10 ގައުމަކުން 150 މިލިއަން ކަސްޓަމަރުންނަށް މި ކެމްޕެއިންގެ ޒަރީއާއިން ރާއްޖެ އިޝްތިހާރުކުރެވިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.
އެމްއެމްޕީއާރުސީއާއި އުރީދޫއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އެކި ގައުމުތަކުގައި ގާއިމްވެ ތިބި އުރީދޫގެ އޮޕަރޭޓިން ކުންފުނިތައް މެދުވެރިކޮށް ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިސްތިހާރު ކުރާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓާގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ، ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލު ޕްރޮމޯޓު ކުރުމަށް ލިބުމަކީ ޝަރަފެއް ކަމަށެވެ. އަދި އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާއެކު، އަމާޒަކީ ރާއްޖޭގެ ދެވަނައެއްނެތް މި ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
Exciting News! Our partnership with @OoredooMaldives marks a major milestone in expanding our global presence. With Ooredoo’s strong international reach, we’re set to shine an even brighter spotlight on the Maldives as a top-tier travel destination. pic.twitter.com/LPIbKdz4r4
— Maldives Marketing & Public Relations Corporation (@mmprc_corporate) May 6, 2025
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑީރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އުރީދޫއާއެކު މި ހެދުނު އެއްބަސްވުމާއެކު ރާއްޖޭގެ ވިސިބިލިޓީ އިތުރަށް ވަރުގަދަވެ، ރާއްޖެ އަންނަ ފަތުރުވެރިން ގިނަ ކުރެވޭނެކަމަށެވެ.
އުރީދޫން ވަނީ މި އެއްބަސްވުމުގެ ޒަރީއްޔާއިން ޤައުމީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމަށް ބުނެފައެވެ.