ޚަބަރު
އިސްލާމީ ޔުނިވަރސިޓީގައި މުޅިން އަލަށް ދެ ކޯހެއް ފަށަނީ

އިސްލާމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރު އޮތް ދަސްވެނިވުމެއްގެ ތެރެއިން، ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި އަހަރުގެ އޮގަސްޓު މަހު އިސްލާމީ ޔުނިވަރސިޓީގައި ފަށާ ކޯސްތަކުގެ ތެރޭއަށް މުޅިން އާ ދެ ކޯހެއް ހިމަނައިފިއެވެ.
އެ ޔުނިވަރސިޓީގައި އަލަށް ފެށުމަށް ހަމަޖެހިފައިވަނީ މާސްޓާރސް އޮފް ޓީޗިންގް އިން ހަޔަރ އެޑިއުކޭޝަން އަދި 10 ޤިރާއަތުން އީޖާޒާ ދިނުމުގެ ކޯހެވެ.
އަލަށް ފަށާ ކޯސްތަކާ ގުޅިގެން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދަރިވަރުން ޔުނިވަރސިޓީއަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. މީގެ އިތުރުން، ދަރިވަރުންގެ މެދުގައި ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުން ވެސް ހިމެނޭ ކަމުގައި ވަނީ ވިދާޅުވެފައެވެ.
"ޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރަނީ، ޔުނިވަރސިޓީންދޭ ތަޢުލީމު އިތުރަށް ފުޅާކުރުމަށާއި، ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފަހިކޮށްދިނުމަށް، އަދި ޔުނިވަރސިޓީގެ މާޙައުލަކީ ދަރިވަރުންނަށް އެކަށީގެންވާ ކިޔެވުމަށް ލޯބިޖެހޭ އަދި ކުދިން އުޅޭ ހިތްވާކަހަލަ މާޙައުލަކަށް ބަދަލުކުރެވޭތޯ". އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.
މި އަހަރުގެ އޮގަސްޓު މަހު އިސްލާމީ ޔުނިވަރސިޓީއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ 3 ކޯހަކާއި، މާސްޓާރސް ލެވެލްގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ 1 ކޯހާއި، ބެޗްލަރސް ލެވެލްގެ 15 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ 2 ކޯހެއް އަދި ޑިޕްލޮމާގެ 11 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލްގެ 19 ކޯހެއް ހިމެނެއެވެ.
މި އަހަރުގެ އޮގަސްޓް އިންޓޭކްގެ އައި.ޔޫ.އެމްގެ ކޯސްތައް، މާލޭ ސިޓީގެ އިތުރުން، ރ.އުގޫފާރު، ޅ.ނައިފަރު، ލ.ފޮނަދޫ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫސިޓީ މީދޫގައި ޤާއިމުކޮށްފައިވާ އެ ޔުނިވާސިޓީގެ ލާރނިންގ ސެންޓަރުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ޓިއުޝަން ފީ ހިލޭ ކޯސްތަކެކެވެ.
މި އަހަރުގެ އޮގަސްޓް އިންޓޭކުގެ ކޯސްތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00އެވެ.