ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 74 މީހަކު ފޮނުވާލެވިއްޖެ: ދިފާއީ ވަޒީރު

ވަޒީރު ޣައްސާން މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 74 މީހަކު ފޮނުވާލެވިއްޖެކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު ޣައްސާން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިންގެ ތެރެއިން 74 މީހަކު ފޮނުވާލެވިފައިވާއިރު ރާއްޖޭގައި ތިބިއިރު އޭގެ އެއްވެސް މީހެއްގެ އަތުގައި ހަތިޔާރެއް ނެތް ކަމަށެވެ.
މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގައި ޤާއިމްވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސްފައިވަނީ ދެ ޤައުމުގެ ދޭތެރޭގައިވާ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
އިންޑިއާއާއެކު ވި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޤާއިމުވެ ތިބި ހުރިހާ ސިފައިން ފޮނުވާލިގޮތުގެ ތަފްސީލު ވަޒީރު ވަނީ ހިއްސާ ކުރައްވާފައެވެ.
ފޮނުވާލި ސިފައިންގެ ތަފްސީލު:
- ހދ. ހަނިމާދޫން އޭޕްރިލް 7، 2024 ގައި 12 ސިފައިން ފޮނުވާލި
- ހދ. ހަނިމާދޫން އޭޕްރިލް 9، 2024 ގައި 13 ސިފައިން ފޮނުވާލި
- ލ. ކައްދޫން މެއި 7، 2024 ގައި 13 ސިފައިން ފޮނުވާލި
- ލ. ކައްދޫން މެއި 9، 2024 ގައި 12 ސިފައިން ފޮނުވާލި
- ސ. ގަމުން މާރިޗު 7، 2024 ގައި 12 ސިފައިން ފޮނުވާލި
- ސ. ގަމުން މާރިޗު 9، 2024 ގައި 12 ސިފައިން ފޮނުވާލި
ޣައްސާން ވިދާޅުވީ މި ވަގުތު ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ނުތިބޭނެ އެވެ. ވަޒީރު ޣައްސާން ވިދާޅުވީ އެހެން ޤައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ޤާއިމްވެ ތިބުމަކީ ސިޔާދަތާއި މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށެވެ. އެހެންވެ އެކަން މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ވިދާޅުވިއެވެ.