ޚަބަރު
ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެން

ނައިބުރައީސް ހުސެއިން "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތުގައި. ފޮޓޯ:ރައީސް އޮފީސް
ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެން ކަމަށް ނައިބުރައީސް އަލްއުސްތާޒް ހުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް ހުސެއިން މިހެން ވިދާޅުވީ އޯއައިސީގެ ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޙުސައިން ވިދާޅުވީ، މިއަދު ފެށިގެން މިދާ ފޯރަމަކީ، ބައިނަލްއަޤްވާމީ އިދާރާތަކާއި ވުޒާރާތައް ގުޅިިގެން ކުރިއަށްގެންދާ މުހިންމު ފޯރަމެއްކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމަށާއި ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އަންނަ މައިގަނޑު ސިނާޢަތަކީ ފަތުރުވެރިކަންކަމަށެވެ. އެހެންކަމުން މި ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއީ އިންވެސްޓަރުންގެ އިތުބާރު އިތުރުކުރުމަށްވެސް ކުރަން މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ޝާމިލުވުންވެސް ލިބިގެންކަމަށެވެ.
މިރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާ އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފަށް ވަނީ ޚާއްސަ ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.
މި ފޯރަމްގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާއި، ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، ބައިނަލްއަޤްވާމީ އިދާރާތައް ހިމެނޭހެން 170 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.