Ads by Aqeeqa Maldives

ޚަބަރު

ސަޢުދީ-މޯލްޑިވްސް އިންޓެގްރިޓީ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ހުސެއިން ޝަރަފްވެރިކޮށްދެއްވައިފި

ސަޢުދީ-މޯލްޑިވްސް އިންޓެގްރިޓީ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ހުސެއިން ޝަރަފްވެރިކޮށްދެއްވައިފި

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 މޭ 2025، 04:36

06 މޭ 2025، 04:36

އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ބާއްވާ ސަޢުދީ-މޯލްޑިވްސް އިންޓެގްރިޓީ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ނައިބުރައީސް އަލްއުސްތާޒް ހުސެއިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

އޯއައިސީގެ ޤައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

މި ފޯރަމު އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ނިންމުމާ އެއްގޮތަށް އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާޢަތަކަށް ހެދުމުގެ މަޤްޞަދުގައެވެ.

މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތުތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމްގައި މަޝްވަރާކުރެވޭނެ މައިގަނޑު ދާއިރާތައް:

  •  ފަތުރުވެރިކަމުގެ ދާއިރާގައި ޕަބްލިކް ޕްރޮކިއުމަންޓްގެ ދެފުށް ފެންނަ، ނަޒާހަތްތެރިކަން އަދި އެފިޝަންސީ ކަށަވަރުކުރުން
  • ފަތުރުވެރިކަން ކުރިއެރުވުމުގައި ޚާއްސަކޮށް ބިން ބޭނުންކުރުމާއި މެނޭޖްކުރުމަށް ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުން
  •  ފަތުރުވެރިކަމުގެ ދާއިރާގައި އިންޓެގްރިޓީ، ޓްރާންސްޕޭރެންސީ އަދި ޒިންމާދާރުކަން އިތުރުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ޕާޓްނަރޝިޕް
  •  އެތިކަލް ނުވަތަ އަޚްލާޤީ އޮނިގަނޑުތައް ތަރައްޤީކުރުމާއި ޤާބިލުކަން އިތުރުކުރުން
  •  ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހަރުދަނާކޮށް، ތަންފީޒުކުރުމަށް ބާރުއެޅުން
  • ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަން ހުއްޓުވުމާއި އެސެޓް ރިކަވަރީއަށް މަގުފަހިކޮށްދިނުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުން

މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާ ބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އޯއައިސީގެ މެންބަރު ޤައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީ ސެޝަންތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްލިނަރީ ސެޝަންތަކުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވާނެއެވެ. މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާނެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS