ޚަބަރު
މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިންޑިއާގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު

ނޫސްވެރިން އިވެންޓެއް ކަވަރ ކުރުން/ފޮޓޯ: މިނިވަން ނޫސް
ރާއްޖޭގެ މީޑިއާ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އިންޑިއާގެ ޗެންނާއި ގައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ބްރޯޑްކޮމް އިން ކުރި އިޢުލާނެއްގައި ވިދާޅުވީ، ސައުތު އޭޝިއަން ފައުންޑޭޝަނުން އިންޑިއާގެ ޗެންނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގައި "ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒަމް" ކޯހުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ބްރޯޑްކޮމް އިން ދެ މީހަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ބްރޯޑްކޮމް އިން މަޢުލޫމާތުދޭ ގޮތުގައި، މި ކޯހަކީ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ކޯހެކެވެ. އަދި މި ސްކޮލަޝިޕް ގެ ދަށުން ކިޔެވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 14:00 އާއި ހަމައަށެވެ. ކޯހަށް އެދި ހުށައަޅާއިރު، އެޕްލިކޭޝަން ފޯމުގެ އިތުރުން، ކަވަރ ލެޓާ، ޕާސްޕޯޓް ސައިޒް ފޮޓޯ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އޯ ލެވެލް އަދި އޭ ލެވެލް) އަދި އެޓެސްޓްކޮށްފައިވާ ބެޗްލަރސް ޑިގްރީގެ ކޮޕީ ހިމެނަންޖެހެއެވެ.
އިންޑިއާގެ ޗެންނާއިގައިި ކިޔެވުމަށް ލިބޭ މި ފުރުސަތަކީ ރާއްޖޭގެ މީޑިއާ ދާއިރާ ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް ތަރައްޤީކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއްކަމަށް ބްރޯޑްކޮމް އިން ވަނީ ވިދާޅުވެފައެވެ.