ޚަބަރު
ރައީސް މުޢިއްޒު ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢޫދީއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ރައީސް މުޢިއްޒު އަދި ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރާއްޖޭގެ ތަރައްްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢުދީޢަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.
ސަޢުދީޢަރަބިއްޔާއިން މިފަދަ ޔަޤީންކަމެއް ދެއްވައިފައިވަނީ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސަޢުދު އަލްޝަލަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވެވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސެންޓަރ (އެމް.އައި. އެފް. ސީ) ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމުގައި ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެއާއި ސަޢޫދީޢަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި އެމް. ބީ. އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ދެމެދު ވެވުނު އެމް. އައި. އެފް. ސީ އުފެއްދުމުގެ ޖޮއިންޓް ވެންޗަރ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން، އެކަމަށްޓަކައި ރައީސް މުޢިއްޒު އެ މަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ.
ޕްރިންސް ފަހަދް ސަޢުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ދެ ޤައުމުގެ ދެމެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސް ޑރ މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.
މި އިޙްތިރާމުގެ ޒިޔާރަތް ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާގެ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.