ޚަބަރު
ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ޝައުޤުވެރިކަން ޔޫއޭއިން ފާޅުކޮށްފި

ރައީސް ޑރ މުޢިއްޒު އަދި ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ޝައުޤުވެރިކަން ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ފާޅުކޮށްފިއެވެ.
ޔޫއޭއީއިން މިކަމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ހިޒް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވެވި އިޚްތިރާމްގެ ޒިޔާރަތުގައެވެ.
އެ ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސްް ޑރ މުޢިއްޒު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައިވެސް، ރާއްޖޭގައި ވުނަކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން އެބަހުރިކަން އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ފަރާތުން އެކުގައި މަސައްކަތްކޮށް އެއްބާރުލުންދިނުން އިތުރުކުރުމުގެ ޢަޒުމުގައި ދެ ބޭފުޅުންވެސް ތިއްބެވިކަން ހާމަކުރައްވަމުންނެވެ.