ޚަބަރު
އަށާރަ ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފި

ޕްރޮޖެކްޓް ތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން. ފޮޓޯ: ވަގުތު
ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތްތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އާރު.ޑީ.ސީއާއެވެ.
މި މަސައްކަތްތައް ހަވާލުކުރުމަށް ތަޢުލީމީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓައަރޑް) މުޙައްމަދު ނަޖާޙްއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓައަރޑް) އަލީ ޒުހައިރް ސޮއި ކުރެއްވިއިރު، އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓައަރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީއެވެ.
މިމަސައްކަތްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:-
- ހއ. މޮޅަދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޭކުރެންދޫ
- ށ. ބިލެތްފަހި
- ރ. އންނަމާދޫ
- ރ. ދުވާފަރު
- ބ. ކުޑަރިކިލު
- އއ. މަތިވެރި
- ތ. ގާދިއްފުށި
- ގދ. ވާދޫ
- ހއ. މާރަންދޫ
- ކ. ގުޅި
- ތ. މަޑިފުށި
- ހދ. ނައިވާދޫ
- ލ. މާވަށް
- އއ. މާޅޮސް
- އދ. ފެންފުށި
- މ. ވޭވަށް
މިރަށްރަށުގެ ސްކޫލްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖުމްލަ 114.9 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.