ޚަބަރު
ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ތެލަސީމިއާ ކޮމިއުނިޓީއާ ރައީސް ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން އެ ކޮމިއުނިޓީގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑު އައްސަވައި، އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރުދަންނަވާފައެވެ. އަދި އެބޭފުޅުން ވަނީ ތެލެސީމިއާ ހޮސްޕިޓަލަށް އިތުރަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. ހަމަ އެހެންމެ، މި ސަރުކާރުން ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން އެބޭފުޅުން ވަނީ، ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުމާއި ޚިޔާލު ހިމެނޭގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް އެދިލައްވާފައެވެ. އަދި އެ ކޮމިއުނިޓީން ވަނީ މޯލްޑިވްސް ބްލަޑް ސަރވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، އެބޭފުޅުން ވަނީ ބްލަޑް ސަރވިސްގެ ޚިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށްދެއްވުމަށް އެދިފައެވެ.
މި ބައްދަލުކުރުމުގައި ބައިވެރިވެވަޑައިގެންނެވި ތެލަސީމިއާ ކޮމިއުނިޓީގެ މެންބަރުން ވަނީ، ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނާ ގުޅުންހުރި އެންމެހާ ކަންކަމުގައި ސިޔާސަތުތައް ކަނޑައަޅާއިރު، ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގެ ޔަޤީންކަން އެބޭފުޅުން ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެލަސީމިއާ ކޮމިއުނިޓީއިން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށްދެއްވުމަށް ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސް ވިދާޅުވީ، މި ބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި، އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.