Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލެއަށް 21 އަހަރު ފުރުމާއި ގުޅިގެން ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލެއަށް 21 އަހަރު ފުރުމާއި ގުޅިގެން ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަސްރޭސް/ފޮޓޯ: އެޗްޑީސީ

05 މޭ 2025، 01:47

ހުޅުމާލެއަށް 21 އަހަރު ފުރުމާއި ގުޅިގެން ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

މި މަސްރޭހަކީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއި އުރީދޫ މޯލްޑިވްސް އިން ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ޙަރަކާތެކެވެ.

އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި، މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މަސް ރޭހުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ މިިމަހުގެ 07 ވަނަ ދުވަސްކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ  15 ވަނަ ދުވަހުއެވެ. އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި، މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ. 

މީގެ އިތުރުން އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި، މި މަސްރޭހުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މި ހިނގާ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. ތަފާތު ގިނަ ޙަރަކާތްތަކާއެކު މި ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

 އަދި ހުޅުމާލޭގެ އެކި ސަރަޙައްދުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ވެސް ޚާއްޞަ ހަރަކާތްތަކެއް ހިމެނޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރިވާން ފޯމް ހުށައަޅާ ލިންކް : tinyurl.com/4rkjcfy2

މި ލިޔުން ކިޔާލުމުން

Ads by MSS