ޚަބަރު
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

ފަނޑިޔާރު އަޒްމިރަލްދާ، މަހާޒް އަދި ޙުސްނުއްސުޢޫދު. ފޮޓޯ: ރައީސް އޮފީސް
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޒް މަހާޒް ޢަލީ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އެދެބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ނިންމާފައިވަނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، 04 ޑިސެންބަރު 2024 ގައި، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނު މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، އެ ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވާފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވެފައިވާތީއެވެ.
އަދި އެކަން ސާބިތުވެފައިވާތީ ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަޙާޒުގެ މި ޢަމަލަކީ، ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއްކަމަށްވާތީ، އެދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް 2025 މޭ 04 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 18 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއީ ފަނޑިޔާރު އަޒްމިރާލްދާ، ފަނޑިޔާރު އަލްއުސްތާޛު މަޙާޒުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.