ވިޔަފާރި / ޚަބަރު
މަސްވެރިކަމުގައި އުޅުމަށްފަހު ދިޔަ ކުދިން އަނބުރާ ދޯންޏަށް އަރަން ފަށައިފި: ރައީސުލްޖުމްހޫރިއްޔާ

މަސް ބޭނުން، ފޮޓޯ: ޖޮއާނާ އޭމްސް
މަސްވެރިކަމުގައި އުޅުމަށްފަހު އެހެން މަސައްކަތްތަކަށް ދިޔަ ކުދިން އަނބުރާ ދޯންޏަށް އަރަން ފަށައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހެން ވަޒީފާތަކަށް ދިޔަ މަސްވެރިކުދިން އަނބުރާ ދޯންޏަށް އަރަން ފެށީ މަސްވެރިންގެ ފައިސާ ޤަވާއިދުން ދޫކުރަން ފެށުމުން އެ ސިނާއަތަށް އޮތް އިތުބާރު ބޮޑުވުމުން ކަމަށެވެ. އަދި މިކަމާއެކު މި ސިނާއަތަށް މިހާރު އާރޯކަން އަންނަން ފަށައިފިކަމުގައި ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން އެންމެ ދުވަހެއް ވެސް މެދުނުކެނޑި، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންގެ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރު ބަންދު ދުވަސްތަކެއް އައި ނަމަވެސް ފައިސާ ދޫކުރުމަށް ބަދަލެއް ނައިސް، ހަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރަމުން އަންނަކަން އެ މަނިކުފާނު އުފަލާއެކު ފާހަގަކުރެއްވެވިއެވެ.
މަސްވެރިންނަށް ޤަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 488،618،986ރ. (488 މިލިއަން ރުފިޔާ) ވަނީ ދޫކޮށްފައެވެ. އަދި މި ސަރުކާރު ހަވާލުވިފަހުން ފިއުލް ސަބްސިޑީ ހިމެނޭގޮތަށް، ޖުމްލަކޮށް މިހާތަނަށް މަސްވެރިންނަށް 1،597،316،773ރ. (1.59 ބިލިއަން ރުފިޔާ) ވަނީ ދޫކޮށްފައެވެ.
މިދިޔަ ޑިސެންބަރު މަހުން ފެށިގެން ޤަވާއިދުން މި ފައިސާ ދޫކުރެވެމުންދާތީ، އަދި އެކަމުގެ ޔަޤީންކަން މަސްވެރިންނަށް ލިބެން ފެށީމަ، މަސްވެރިކަމަށް އާރޯކަން އެބައާދޭ އިރާދަކުރެއްވީތީ. މަސްވެރިކަމުގެ އިންޑަސްޓްރީއަށް މިހާރު އިންވެސްޓްކުރަން ފަށައިފި. އަމިއްލަ މަސްވެރިން، ކެޔޮޅުން، ދޯނިތައް ބަންނަން ފަށައިފި. ކުރީގަ މަސްވެރިކަމުގަ އުޅެފަ އެހެން ވަޒީފާތަކަށް ދިޔަ ކުދިން އަނބުރާ ދޯންޏަށް އަންނަން ފަށައިފި. ކޮންޓިނުއަސްކޮށް ފައިސާ ލިބޭކަން އެބައެނގޭ. އެއީ އަޅުގަނޑުމެން ބޭނުންވި ޓާގެޓަކީވެސް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅިވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޯލްޑް ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އެބަދެއެވެ. އެގޮތުން 9،500 ޓަނުން 25،000 ޓަނަށް ކޯލްޑް ސްޓޯރޭޖު އިތުރުކުރުމުގެ މަސައްކަތަކީ ހާސިލްކުރެވޭނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ. އަދި ޕްރޮސެސިން ކެޕޭސިޓީ 50 ޓަނުން 250 ޓަނަށް އިތުރު ކުރުމުގެ މަސައްކަތާއި، އައިސް އުފެއްދުމުގެ ކެޕޭސިޓީ 1،500 ޓަނުން 2،000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެއަށްފަހު، މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި، އަދި ބައެއް އަތޮޅުތަކުގައި ދެ ރަށެއްގައި މި ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.