ޚަބަރު
ހުޅުމާލޭގައި ތަރައްޤީކުރާ ހޮޓެލް އިމާރާތުގެ މަސައްކަތް 'ވޯރލްޑް އޮފް ބިޒްނަސް"އާ ހަވާލުކުރުމަށް އެމްއޯޔޫގައި ސޮއިކޮށްފި

ހުޅުމާލޭގައި ތަރައްޤީކުރާ ހޮޓެލް އިމާރާތް. ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، 'ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް' އާ ހަވާލުކުރުމަށް އެޗްޑީސީން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.
ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްޤީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުގައި ކަަމަށް އެޗްޑީސީ އިން ބުނެއެވެ.
ހުޅުމާލޭގައި މި ތަރައްޤީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްޤީ ކުރާނެ ކަމަށާައި، މިތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްޤީކޮށް، މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައި ވާކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.
މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރާ އިމާރާތެއް ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
'މެންހަޓަން ގްރޭންޑ ހޮޓެލް' ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުގައި ކަަމަށާއި، މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިން ކަމަށްވެސް އެޗްޑީސީއިން ބުނެއެވެ.