ޚަބަރު
އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމް ފެތުރުން ވަނީ ހުއްޓުވިފައި: އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: މިހާރު
ނިއޯނޭޓަލް އިންޓެންސިލް ކެއަރ ޔުނިޓުން ފެނުނު، އެންޓި-ބައޮޓިކަށް ނުގުޑާ ޖަރާސީމް ފެތުރުން ހުއްޓުވިފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.
އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަރާސީމް ފެނުމާއި އެކު ފެތުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅުތަކާއި އެކު ޖަރާސީމު ފެތުރުން ހުއްޓުވިފައިވާ ކަމަށެވެ. އެހޮސްޕިޓަލުގެ އެންއައިސީޔޫގައި ދިމާވި، މަލްޓި ޑްރަގް ރެސިސްޓަންޓް ނުވަތަ ގިނަ އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމްގެ ކޭސްއާގުޅިގެން އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންއައިސީޔޫގައި ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން އެމްޑީއާރް "ބަރކޯލްޑޭރިއާ ސްޕޭޝިއާ" ފެނިފައިވަނީ މާރިޗް 27ވަނަ ދުވަހުކަމަށެވެ.
އަދި ވަގުތުން އެކުއްޖާ އައިސޮލޭޓްކުރެވި، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް އެންވައިރަމެންޓަލް ސާމްޕަލް ނަގައި، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އެހޮސްޕިޓަލުން ބުނެފައިވަނީ އެ ކޭސްއަށްފަހު އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައިތިބި އިތުރު 4 ކުއްޖެއްގެ ހަށިގަނޑުން ޖަރާސީމު ފެނިފައިވާކަމަށާއި އެ ހުރިހާ ކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިންކަމަށެވެ.
ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، ޕޮޒިޓިވްވި ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއިއެކު އެކުދިންގެ ހާލު ގާތުން ބަލަމުންއަންނަކަމަށާއި، ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެން އެކުދިންނަށް ފަރުވާދީ، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ޓެސްޓުތައް ހަދާފައިވާކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.
މާރޗްމަހުގެ 27 އިން ފެށިގެން ޖުމްލަ 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާދީފައިވާއިރު، މިހާރު އެންއައިސީޔޫގައި ޖުމްލަ 10 ކުދިންނަށް ފަރުވާދެމުންއަންނަ ކަމަށާއި، އޭގެތޭރޭގައި ޖަރާސީމު ހުރެގެން ފަރުވާދެނީ 5 ކުދިންނަށްކަމަށްވެސ ް އައިޖީއެމްއެޗުން ބުނެއެވެ. އަދި އެ 5 ކުދިންނަށް ފަރުވާދެމުންއަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓްކުރެވިގެންކަން އެހޮސްޕިޓަލުން ފާހަގަކުރެއެވެ.
އޭޕްރިލްމަހުގެ 15ގެ ފަހުން ޖަރާސީމަށް ފައްސިވެފައިވާ އިތުރު ކޭސްއެއް ރިޕޯޓްކުރެވިފައި ނުވާކަމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.
ޖަރާސީމާށް ފައްސިވެފައިތިބި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްދާކަމަށާއި، އެހޮސްޕިޓަލުގައި ފަރުވާދެވޭ ބަލިމީހުންގެ ސިއްޙަތާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.