ޚަބަރު
މަސައްކަތްތެރީން ކުރައްވާ މަސައްކަތުގެ ހެޔޮ އަސަރު މުޖުތަމަޢަށް އަންނަނީ ކުރަމުން: ވަޒީރު އާދަމް ޝަރީފު ޢުމަރު

ވަޒީރު އާދަމް ޝަރީފު ޢުމަރު/ފޮޓޯ: އެޑިޝަން އެމްވީ
މަސައްކަތްތެރީން ކުރައްވާ މަސައްކަތުގެ ހެޔޮ އަސަރު މުޖުތަމަޢަށް ކުރަމުންދާކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހާއި ގުޅިގެން އެންމެހާ މަސައްކަތްތެރިންނަށް ޚާއްޞަކޮށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި މަސައްކަތްތެރިން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. އަދި މަސައްކަތްތެރިންގެ މަސައްކަތުގެ ސަބަބުން އިޤްތިޞާދަށް އޭގެ ހެޔޮ އަސަރުކުރަމުން އަންނަ ކަމަށާއި، މަސައްކަތްތެރީންގެ ފަރާތުން އެތައް ބަޔަކަށް އައު ހުނަރުތަކެއް ދަސްވެގެން އަންނަކަމަށާއި އަދި މަސައްކަތްތެރީން ކުރައްވާ މަސައްކަތުގެ ހެޔޮ އަސަރު މުޖުތަމަޢަށް އަންނަނީ ކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މަސައްކަތްތެރީންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މި ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ވަނީ އެ ކޮމެޓީގެ މެންބަރުންނަށް ލިބެމުންއައި އެލަވެންސްއަށް މުސާރައެއްގެ ދަރަޖަ ޤާނޫނީ ގޮތުން ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ ކޮމެޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ހަމަޖައްސައިދީ، އިންސްޓޯލްމެންޓް ސްކީމްތަކުން ތަކެތި ނެގުމުގެ މަގު ތަނަވަސްކޮށްދެއްވާފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވަނީ، މަސައްކަތްތެރިން ތަފާތު ނުކުރުމަށާއި، ޒިންމާދާރުކަމާއެކު އެ މީހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް އިލްތިމާސްކުރައްވާފައެވެ.