ޚަބަރު
ކާބޯތަކެތި އިސްތިހާރުކުރުމުގެ ޤަވާއިދަށް އިސްލާހު ތަކެއް ގެންނަނީ

ހުޅުމާލޭގައި ހެދިކާ ވިއްކާތަނެއް. ފޮޓޯ:އަވަސް
ކާބޯތަކެތި އިސްތިހާރުކުރުމުގެ ޤަވާއިދަށް އިސްލާހު ތަކެއް ގެނައުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީއާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އާއެކު ބޭއްވި ބައްދަލުވުމުގައި ޞިއްޙި ވުޒާރާގެ ނައިބު އިސްމާއިލް ޒާހިރު ވިދާޅުވީ، ކާބޯތަކެތި އިސްތިހާރުކުރުމުގެ ޤަވާއިދާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
އަދި މި ޤަވާއިދު ތަންފީޒުކުރުމުގައި ވެސް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވެވިއެވެ.
އެކަންތަކަށް ރިޢާޔަތްކޮށް ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިސްމާއިލް ޒާހިރު ވިދާޅުވިއެވެ.
ކާބޯތަކެތި އިސްތިހާރު ކުރުމުގެ ޤާނޫނަކީ ޑިޕާޓްމަން އޮފް ޕަބްލިކް ހެލްތުގެ ޒަމާނުން ފެށިގެން ޢަމަލުކުރަމުން އައި ޤަވާއިދެކެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން ބެލެނިވެރިކަމުގެ ޤާނޫނެއް ނެތި ހަދާފައިވާ ޤަވާއިދުތައް އާންމު ޤަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ތަންފީޒުކުރަން ފެށުނެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށެންދެން އަމަލުކުރަމުން ދިޔައީ މިޤަވާއިދަށެވެ.