Ads by Aqeeqa Maldives

ޚަބަރު

ވަޒީރު ޝަހީމްގެ ރައްދު ކުރީގެ ވަޒީރު އިމްރާނަށް: ޢަދާލަތުގެ ލީޑަޝިޕަށް ވާދަކުރަން ކެބިނެޓުން ވަކިވާކަށް ނުޖެހޭ

ވަޒީރު ޝަހީމްގެ ރައްދު ކުރީގެ ވަޒީރު އިމްރާނަށް: ޢަދާލަތުގެ ލީޑަޝިޕަށް ވާދަކުރަން ކެބިނެޓުން ވަކިވާކަށް ނުޖެހޭ

ވަޒީރު ޝަހީމް އަދި ކުރީގެ ވަޒީރު ޢިމްރާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މޭ 2025، 12:01

01 މޭ 2025، 12:01

ހުލާސާ


އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢަދާލަތު ޕާޓީ އާއި ގުޅުމުގެ ވަާހަކައާއި ގުޅިގެން ކުރީގެ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައިފިއެވެ. 

އަލުން ޢަދާލަތު ޕާޓީ އާއި ގުޅުމަށް ނިންމެވިކަމަަށް ޑރ ޝަހީމް އިޢުލާނު ކުރެއްވެވީ އިއްޔެގެ ވަގުތެއްގައި އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ. 

އެޕޯސްޓުގައި ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ އިސް އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެޕާޓީއަކަށް ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފައިވާކަމަށެވެ. އަދި މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މިކަމަށް އެޕާޓީގެ އިސް ގިނަ ބަޔަކު މަރުޙަބާ ކިޔުއްވައިފައިވާ އިރު އެޕާޓީގެ ރައީސް އަދި މިދިޔަ ސަރުކާރުގެ ދާޚީލީ ވަޒީރު ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ދޯހަޅިކަމާހުރެ ޤައުމު ވެއްޓިފައި މިއޮތް ޙާލަތުން ސަލާމަތްކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ޚާލިސްކަމާއެކު ޢަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވާ ކަމަށެވެ. 

ނަމަވެސް ޝައިޙް ޢިމްރާންގެ މި ބަސްފުޅަށް ވަޒީރު ޑރ ޝަހީމް ވަނީ ވަރުގަދަ ރައްދެެއް ދެއްވައިފައެވެ. އެގޮތުން ވަޒީރު ޝަހީމް ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީގެ ލީޑަރޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރުމަށް ދުސްތޫރު މަނާނުކުރާ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެޕާޓީގެ މެމްބަރުން އެޕާޓީގެ ރައީސްކަމަށް އެމަނިކުފާނު ހޮއްވަވައިފިނަަމަ ޕާޓީގެ ކޮންގްރެސް ނިންމާ ގޮތަކަށް ޕާޓީ އާއިގެން ކުރިއަށް ދަނެ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެެވެ.

ޢަދާލަތު ޕާޓީއަކީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18ގައި ރަޖިސްޓަރ ކުރެވުނު ޕާޓީއެކެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS