Ads by Ministry of Arts, Culture and Heritage

ޚަބަރު

ތެޔޮ އެތެރެކުރުމަށް މި އަހަރުގެ މިހާތަނަށް ރިޒާވުން 517 މިލިއަން ޑޮލަރު ދޫކޮށްފި: އެމްއެމްއޭ

ތެޔޮ އެތެރެކުރުމަށް މި އަހަރުގެ މިހާތަނަށް ރިޒާވުން 517 މިލިއަން ޑޮލަރު ދޫކޮށްފި: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިންގް - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

11 ނޮވެމްބަރު 2026، 06:10

11 ނޮވެމްބަރު 2026، 06:10

ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް، ރަސްމީ ރިޒާވުން މި އަހަރުގެ މިހާތަނަށް 517 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ދައުލަތުގެ ރަސްމީ ރިޒާވުން އެންމެ ބޮޑު ހޭދައެއް ހިނގަނީ ތެލުގެ ބާވަތްތައް އެތެރެކުރުމަށް ކަމަށެވެ. އެގޮތުން، މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެސްޓީއޯ މެދުވެރިކޮށް ތެޔޮ ގަތުމަށް 517 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި، މިއީ އަހަރުގެ ކުރީކޮޅު ލަފާކުރި މިންވަރަށްވުރެ ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރިޒާވްގެ ވަރަށް ބޮޑު ބައެއް މިއަހަރު އަޅުގަނޑުމެން އިނިޝިއަލީ އެސްޓިމޭޓްކުރި ވަރަށްވުރެ ބޮޑު ތަނެއް މިދަނީ ތެލަށް. އަޅުގަނޑުމެން ހިސާބު އަދަދަށް ބަލާނަމަ، މިހާ ހިސާބަށް ހަތަރެއް ނޮވެންބަރާ ހަަމައަށް ގާތްގަނޑަކަށް 517 މިލިއަން ޑޮލަރު އަޅުގަނޑުމެން ތެލަށް އެސްޓީއޯއަށް މިވަނީ ވިއްކިފައި،"

މުނައްވަރު ވިދާޅުވިއެވެ. 

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ ޚަރަދު ބޮޑުވުންކަން ބަޔާންކުރައްވަމުން ގަވަރުނަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެން ދިޔަ ނަމަވެސް، ރާއްޖެ ތެލަށް ނުޖެހި އަދި އެ އަގުތަކުގެ ބުރަ އާންމު ރައްޔިތުންނަށް ނުޖެހި ސަރުކާރުން ހިފަހައްޓައިދީފައިވާ ކަމަށެވެ. އަދި ބޭރު ފައިސާގެ އަގު ނުވަތަ އެކްސްޗޭންޖް ރޭޓަށް ދާއިމީ ހައްލެއް ގެނައުމުގައި މެދުއިރުމަތީގެ ހާލަތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ވައިގެ އުދުހުންތަކުގައި ބޭނުންކުރާ ޖެޓް-ފިއުލްގެ އަގުބޮޑުވެ، ވައިގެ ދަތުރުފަތުރުގެ އަގުތައް މައްޗަށް ގޮސްފައިވާތީ، ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރާ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގަވަރުނަރު ލަފާދެއްވިއެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރެވޭނެ ފަދަ ތަނަވަސް ފަރާތްތަކަށް އަމާޒުކޮށްގެން ޕްރޮމޯޝަންތައް ހިންގައި، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނެވުނު ބަދަލުތަކާއެކު ރިސޯޓުތަކުން މާރުކުރަންޖެހޭ މިންވަރު 20 އިންސައްތައިން 40 އިންސައްތައަށް ބޮޑުކުރި ކަމުގައި ވިޔަސް، އެކަމުގައި ރިސޯޓުތަކުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ބައެއް ފަރާތްތަކަށް އެކަމުގައި ދަތިތަކެއް ހުރިނަމަ، ގާނޫނީ އިމުގެ ތެރެއިން ލުއިތަކެއް ހަމަޖައްސައިދިނުމަށް އެމްއެމްއޭ ތައްޔާރަށް އޮތް ކަމަށްވެސް ހާމަކުރެއްވިއެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ރަނގަޅު ރޭޓެއްގައި ބޭރުން ލޯނު އެހީ ލިބިއްޖެނަމަ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެމްއެމްއޭއަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅިގެން މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީ، ވިޔަފާރިތަކުން ޓީޓީ ހެދުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ދޫކުރާ ޑޮލަރުގެ މިންވަރު އަންނަ ހަފުތާއިން ފެށިގެން އިތުރުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450