ޚަބަރު
ފަތުރުވެރިކަމުގެ ޑޮލަރު ބޭންކިން ނިޒާމަށް ވައްދަން އެމްއެމްއޭއިން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
ގަވަރުނަރު އަހުމަސު މުނައްވަރު - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ލިބޭ ބޮޑު އާމްދަނީގެ ތެރެއިން އެތައް ބިލިއަން ޑޮލަރެއް ރަސްމީ ބޭންކިން ނިޒާމުން ބޭރުގައި ދައުރުވަމުންދާތީ، އެ ފައިސާ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ތައްޔާރުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަނަރު އަޙްމަދު މުނައްވަރު ހާމަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކުތަކަށް ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރެވެ. މިއީ ޖުމްލަ އާމްދަނީގެ އެންމެ 65 އިންސައްތައެވެ.
ޤާނޫނުގައިވާ ގޮތުން ވިޔަފާރިތަކަށް ލިބޭ ކޮންމެ ޑޮލަރެއްވެސް ރާއްޖޭގެ ބޭންކިން ނިޒާމަށް ވެއްދުން ލާޒިމުކަމަށްވާއިރު، ފާއިތުވި އަހަރެއްހާ ދުވަހު ދިމާވި މޮނީޓަރިންގެ ދަތިތައް މިހާރު ހައްލުކުރެވެމުންދާ ކަމަށް ގަވަނަރު ވިދާޅުވިއެވެ. އެގޮތުން ބޭރު ފައިސާ ޖަމާކުރާ ވަކި އެކައުންޓެއް އެމްއެމްއޭގައި ރަޖިސްޓްރީކުރަން ޖެހޭގޮތަށް ގެނައި ބަދަލާއެކު މި ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
"އަޅުގަނޑުމެންގެ ހިސާބުތަކުން މިފެންނަނީ މިހާރުވެސް ބޭންކިން ސިސްޓަމަށް ވަންނަނީ އެންމެ 65 އިންސައްތަ، ކޮބައިތޯ އަނެއްބައި؟ މިހާރު ތިޔަ ވިދާޅުވި ގޮތަށް ބޭންކިން ސިސްޓަމަށް ވަންނަ އެއްޗެއް ދައުރުވަނީ އެހެންވީމާ އެބަޖެހޭ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ސިސްޓަމަށް ވައްދަން،"
ގަވަނަރު ވިދާޅުވިއެވެ.
މީގެއިތުރުން ޓެކުހުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ގަވަނަރު ފާހަގަކުރެއްވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން ފައިދާއިން ނަގާ ޓެކްސް ދައްކަނީ އެންމެ 50 އެއްހައި ރިސޯޓުން ކަމަށެވެ. އެހެންކަމުން، ކުދި ފިހާރަތަކެކޭ އެއްފަދައިން ރިސޯޓުތައްވެސް ފުރިހަމައަށް އޮޑިޓްކޮށް، މީރާއިން ޓެކްސް ކަށަވަރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުން ލިބޭ ބޮޑު އާމްދަނީ ޤައުމުގެ މާލީ ނިޒާމަށް ފުރިހަމައަށް ވަންނަކަން ޔަޤީންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން މޮނީޓަރިން ވަރުގަދަކޮށް ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.