Ads by Aqeeqa Maldives

ޚަބަރު

ދިވެހި އުއްމަތުގެ ހަކަތައާ ބުންވަރަކީ ވެސް މަސައްކަތްތެރީން: ރައީސުލްޖުމްހޫރިއްޔާ

ދިވެހި އުއްމަތުގެ ހަކަތައާ ބުންވަރަކީ ވެސް މަސައްކަތްތެރީން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ބްރިޖުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް ވަޑައިގެންނެވުން - 22 ނޮވެންބަރު 2023، ފޮޓޯ: ރައީސް އޮފީސް

01 މޭ 2025، 07:16

ދިވެހި އުއްމަތުގެ ހަކަތައާ ބުންވަރަކީ ވެސް މަސައްކަތްތެރީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ދިވެހި ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކާ ކާމިޔާބީތަކުގެ ފަހަތުގައި އޮތީ އެކިއެކި ދާއިރާތަކުގައި ޚިދުމަތްކުރައްވާ މަސައްކަތްތެރިންގެ ހިތްވަރުކަމަށެވެ. މި މޭރުމުން ވާހަކަފުޅު ފައްޓަވަމުން އެ މަނިކުފާނު ވަނީ ޤައުމަށް ފައިދާކުރުވަނިވި މަސައްކަތްތަކުގައި ޝާމިލުވާ ދިވެހީންނާއި ބިދޭސީންނާއި އަދި އެ މަސައްކަތްތެރިންގެ ޢާއިލާތަކަށް ސާބަހާއި ހިތްވަރު ދެއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު މަސައްކަތްތެރީންގެ އުޖޫރަތައް އިތުރުވާނެ ގޮތްތައް ހޯދުމަށާއި، ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ކުރިޔަށްގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ޤައުމުގައި މަސައްކަތްތެރީން ގިނަ ކުރުމަށް، މަސައްކަތުގެ އަޚިލާޤާއި ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަންޖެހޭ ކަމަށާއި، ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް މެދުކެނޑިމެއް ނެތި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާގެ ޚިޠާބުގައި އެ މަނިކުފާނު ބެލެނިވެރިންނަށް އެދިލެއްވީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށެވެ. އަދި އެއްވެސް މީހަކު ބާކީނުވާނޭހެން ހުރިހާ ދިވެހީންނަކީ ވެސް މަސައްކަތްތެރި ބަޔަކަށް ހެދުމަށް މުޅި މުޖުތަމަޢު ގުޅިގެން  މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އެހެނީ ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ލިޔުއްވި ކޮންމެ މުއައްރިޚަކުވެސް، ދިވެހީންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ތާރީފު ކުރައްވާފައިވާކަމަށާއި، ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން މިއަދުވެސް ދިވެހީންގެ ފަންނުވެރިކަމަށާއި، ޤައުމު ބިނާކުރާން ކުރި ބުރަ މަސައްކަތަށް ހެކިދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މެއި 1 އަކީ މުޅި ދުނިޔޭގައި މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރި ނަމަވެސް، އެ މަނިކުފާނު ޤަބޫލުފުޅު ކުރައްވަނީ ކޮންމެ ދުވަހަކީ ވެސް މަސައްކަތްތެރިންގެ ދުވަހެއްގެ ގޮތުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މަސައްކަތްތެރިކަމަށް ދީނުގައި ދެއްވާފައިވާ އަޙައްމިއްޔަތުކަމަށް ވެސް ނަޒަރު ހިންގަވާލެއްވިއެވެ. އެގޮތުން ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ އިރުޝާދުތަކުން ފެންނަން އޮތް އެއް ހަގީގަތަކީ، ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ޙަލާލް ރިޒްޤު ހޯދުމަކީ ސަވާބު ލިބެނެވި އަޅުކަމެއްކަމަށާއި، ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން، މަސައްކަތްތެރިއަކަށް ވާން ޖެހޭނެކަމަށް އެމަނިފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS