ޚަބަރު
ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ---
ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހިޔާވަހި ފައިނޭންސިންގ ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގުހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިން ސްކީމެކެވެ. މިއީ ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ. މި ސްކީމުގެ ދަށުށް ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ބިން ލިބިފައިވީ ނަމަވެސް، ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ސްކީމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ހާމަކުރަމުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޯޝަލް މީޑިއާގައި މިރޭ ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، މި ސްކީމަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމަށް ގިނަ ވަގުތު ނަގާތީ، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ ކަމަށެވެ.
މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުން.
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ…
— Abdulla Muththalib (@muththo) April 30, 2025
މި ސްކީމުގެ ދަށުން އެޕްލިކޭޝަންގައި ހުށަހަޅަން ޖެހޭ ލިއުންތަކުގެ ތެރޭގައި ފާސްކުރެވިފައިވާ ކުރެހުމެއް އޮންނަންޖެއެެވެ. މި ކުރެހުން ހުށަހެޅުމަށް ހިމަނާފައިވަނީ ބޭންކުތަކުން ކުރެހުން ބޭނުންވާތީ ކަމަށް، ގެދޮރުވެރިކަމާއި ބޭހޭ ވުޒާރާއިން ވިދާޅުވެއެވެ. މިކަމުގައި އުޞޫލުގެ ތެރެއިން ލުއިދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް"ގެ ދަށުން 1 މިލިއަން ރުފިޔާ، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން "ސަހަރު ފައިނޭންސިންގ ސްކީމް"އަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި މާލެ ސަރަޙައްދަށް ޚާއްޞަ "ފަހިމާލެ ފައިނޭންސިން ސްކީމް"އަށް 6 މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ. މާލެ ސަރަޙައްދަށް ހުލުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާގެ ފައިނޭންސަށް އެދެވޭގޮތަށް އުޞޫލު ވަނީ އެކުލަވާލާފައެވެ.
ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދޭން މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މި 1 ބިލިޔަން ރުފިޔާ ސަރުކާރުން ބޭންކުތަކަށް މި ސްކީމަށް އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ފައިނޭންސިންގް ދޫކުރާއިރު ޖުމްލަ 2 ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.