ޚަބަރު
ހުރާގައި ހާފިޒަކަށްވާ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ކައުންސިލުން ނިންމައިފި

ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު 2025، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ އަތޮޅު ހުރާގައި ހާފިޒަކަށްވާ ކޮންމެ މީހަކަށް ދޮޅު ލައްކަ ރުފިޔާ ދޭން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
އެ ރަށު ކައުންސިލް މެމްބަރު ހަސަން ފިރާޝް ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އެ ރަށުގައި މިހާތަނަށް ހާފިޒަކު އުފެދިފައި ނެތުމުން، ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި މި ޕްރޮގްރާމް ބޮޑަށް އަމާޒުކުރަނީ ޒުވާނުންނަށްކަމަށް ފާހަގަކުރެއްވެވިއެވެ.
ފިރާޝް އިތުރަށް ވިދާޅުވީ، އެ ރަށުގެ މިސްކިތްތަކުގައި ނަމާދު ކުރާނެ ހާފިޒަކު ނެތް ކަމަށާއި، އެހެންކަމުން ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހިންގުމަށް ރަށުން ބޭރުން ޤުރުއާން ޓީޗަރެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. އަދި ޙިފްޒު ކްލާސްތަކުގައި ހިލޭ ބައިވެރިވެވޭނެކަމަށް ވެސް ފިރާޝް ވިދާޅުވިއެވެ.
އެގޮތުން ޤުރުއާން ކްލާހުގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތަކީ ތަމްރީނުކުރާނެ ޓީޗަރަކު ގެނައުމުގެ މަސައްކަތްކަމަށް ފާހަގަކުރެއްވެވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ރަށުގައި ގިނަ ހާފިޒުން އުފެއްދުން. އަހަރަކު ތިން ކުދިން ވިޔަސް، ހާފިޒުން އުފެއްދުން މަގުސަދަކީ.
ފިރާޝް ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ ހާފިޒުން އުފެއްދުމަށް ސަރުކާރުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާތަނަށް 250 މީހަކު ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ ފަސް އަހަރު ތެރޭގައި 1،000 ހާފިޒުން އުފެއްދުމަށެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އެންމެ ފަހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.