ޚަބަރު
މަތީތަޢުލީމު އުގެނޭ ދަރިވަރުންނަށް އަވަހަަށް ޖަވާބުދާރީ ވުމަށް ހަދާ ޕޯޓަލް އޮކްޓޯބަރު މަހު ބޭނުންކުރަން ފެށޭނެ: ވަޒީރު ހައިދަރު

ވަޒީރު ހައިދަރު މަޖިލީހުގައި. ފޮޓޯ: މަޖިލިސް
މަތީތަޢުލީމު އުގެނޭ ދަރިވަރުންނަށް އަވަހަށް ޖަވާބުދާރީ ވުމަށް ހަދާ ޕޯޓަލްގެ އޮކްޓޯަބަރު މަހު ބޭނުން ކުރަން ފެށޭނެ ކަމަށް މަތީތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުކުރިއެރުވުމާ ބެހޭ ވަޒީރު ޑރ ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޑރ ހައިދަރު މިހެން ވިދާޅުވީ މިއަދު މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއަށް ދަރިވަރުން ފޮނުވާ އީމެއިލް އަދި ސިޓީތަކަށް ޖަވާބު ދިނުން ލަސްވުމާގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރައްވާފައިވާ ސުވާލަށް ލިޔުމުން ޖަވާބު ދެއްވާ ފޮނުއްވެވި ސިޓީއެއްގައެވެ.
ވަޒީރު ހައިދަރުގެ ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ޚަރަދުގައި ލޯން ސްކީމާއި ސްކޮލަރޝިޕްގެ ދަށުން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންގެ ކަންކަން ބަލަހައްޓާ ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭ ކަމަށެވެ. އަދި ބައެއް ދުވަސްދުވަހު އެ އަދަދު އެއަށްވުރެވެސް އިތުރުވާކަން ވަޒީރު ފާހަގަކުރައްވައިފައިވެއެވެ.
މީގެއިތުރުން ވުޒާރާއަށް ލިބޭ އީމެއިލްތަކާއި ސިޓީތަކަށް އެންމެ ގިނަވެގެންވެސް 7 ދުވަހުގެ ތެރޭގައި ޖަވާބުދެވޭތޯ ބަލާފައިވާނެކަމަށާއި، އެހެންނަމަވެސް އެ ވުޒާރާއިން މަސައްކަތް ކުރަމުން ގެންދަނީ 3 ދުވަހުގެ ތެރޭގައި ސިޓީއާއި އީމެއިލްތަކަށް ޖަވާބު ދެމުންގެންދިޔުމަށްކަމަށްވެސް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
ވަޒީރު ހައިދަރު ވިދާޅުވީ ދަރިވަރުންނަށް ޖަވާބު ދިނުން އަވަސްކުރުމަށްޓަކައި އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.އެގޮތުން ދަރިވަރުންނަށް ދޭ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ދަރިވަރުންގެ މައުލޫމާތުތައް ބަލަހައްޓާނެ ޕޯޓަލެއް އުފެއްދުމުގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އޮކްޓޫބަރ މަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ދަރިވަރުންގެ ކަންކަން ބަލަހައްޓަން ފެށުމުން ދަރިވަރުންގެ ރިކުއެސްޓުތަކަށް ޖަވާބުދެވުން ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ .