ޚަބަރު
ދިވެހި ޙައްޖުވެރިންގެ ފުރުމާގުޅޭ ޚާއްސަ ޓާސްކްފޯސް އެކުލަވާލައިފި

ޙައްޖުވެރިންގެ ފުރުމާގުޅޭ ޚާއްސަ ޓާސްކްފޯހުގެ ބައްދަލުވުން. ފޮޓޯ: އިސްލާމީ ވުޒާރާ
މިއަހަރު ޙައްޖުގެ އަޅުކަމަށްދާ ދިވެހި ޙައްޖުވެރިންގެ ފުރުމާގުޅޭ ޚާއްސަ ޓާސްކްފޯސް އެކުލަވާލައި އެޓާސްކްފޯހުގެ މަސައްކަތް ފަށައިފިއެވެ.
1446 ވަނަ އަހަރުގެ ޙައްޖަށްފުރާ މީހުންގެ ފުރުމާ ގުޅޭ ގޮތުން އެކުލަވާލި ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން ވަނީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާފައެވެ. މި ޓާސްކް ފޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތް، ސިފައިން، އެމްޓީސީސީ، އެމްއޭސީއެލްއާއި އިމިގްރޭޝަން ފަދަ ކަމާގުޅުން ހުރި އިދާރާތައް ހިމެނެއެވެ.ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށް މީހުން ފޮނުވުމަށްޓަކައި ފަސޭހަ އިންތިޒާމްތަކެއް ރާއްޖޭގައިވެސް ހަމަޖައްސައެވެ.
މާލެއާއި ހުޅުމާލެ އަދި ވިލިމާލެގައި ދިިރިއުޅޭ ޙައްޖުވެރިންނަށާއި އެމީހުންގެ އާއިލާގެ މީހުންނަށް އެއަރޕޯޓަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސައެވެ. އެމްޓީސީސީގެ ބަސްތަކުގައި ޙައްޖާޖީންނާއި ޢާއިލާތަކަށް އެއަރޕޯޓަށް ދެވޭނެ އިންތިޒާމްތައް މީގެ ކުރިންވެސް ވަނީ ހަމަޖައްސާފައެވެ. އަދި ބަސްތައް ދަތުރުކުރާ ވަގުތު ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރެއެވެ.
މީގެ އިތުރުން އެއަރޕޯޓްގައި ޙައްޖުވެރިންނަށް ލުއިފަސޭހަ ވާނެ އިންތިޒާމްތައް ކޮންމެ އަހަރަކުވެސް ހަމަޖައްސައެވެ. އެގޮތުން ދުރާލާ ޙައްޖުވެރިންގެ ލަގެޖް އެއަޕޯޓަށް ގެންދިޔުމާއެކު ޗެކިން ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދެއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ފޮނުވުމަށްޓަކައި ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ހަމަޖައްސާފައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިއަހަރު ރާއްޖެއަށް ޙައްޖަށް ފުރާ މީހުން ފުރުމަށް ހަމަޖެހިފަވަނީ މޭމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު ބާއްވާ ފްލައިޓްގައެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ސަޢުދީ އެއަރލައިންގެ އިތުރަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ ފްލައިޓްގައިވެސް ޙައްޖުވެރިން އުފުލާނެއެވެ.