ޚަބަރު
ޑެޕިއުޓީ ގަވަރުނަރު ކަމަށް އަސްނާ އައްޔަނު ކުރަން މަޖިލީހަށް ހުށައަޅައިފި

ޢާއިޝަތު އަސްނާ ހަމްދު
މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަސްނާ އެ މަޤާމަށް ހަމަޖައްސަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ އިއްވާފައިވާއިރު އެ މައްސަލަ ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ މިއަދު ފޮނުވައިފަ އެވެ.
އެމްއެމްއޭގައި އަސްނާ ޚިދުމަތް ކުރައްވާތާ 15 ވަރަކަށް އަހަރު ވަނީވެފައެވެ. މިވަގުތު އޭނާ ހުންނެވީ މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާގެ ގޮތުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ގަވަރުނަރުގެ މަޤާމަށް މުނައްވަރު ވަޑައިގެން މިދިޔަ ނޮވެމްބަރު މަހު ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ.
ޑެޕިޔުޓީ ގަވަރުނަރުގެ މަޤާމަށް ބޭފުޅަކު ހަމަޖެއްސުމަށް ނަން ފޮނުވާފައި މިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިމާދު މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.