ޚަބަރު
މެލޭޝިއާއިން ދެއްވި މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު (ވ) އަދި މެލޭޝިއާގެ ެ ބޮޑު ވަޒީރު ޔަންގް އަމަތުބެހޯރމަތު ޑަޓޮ ސެރީ (ކ)، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މެލޭޝިއާއިން ދެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށްޓަކައި އެ ޤައުމުގެ ބޮޑު ވަޒީރު، އަންވަރު އިބްރާޙިމް އާއި މެލޭޝިއާގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝުކުރު ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެވި ފުރަތަމަ ރަސްމީ ދަތުރުފުޅު ނިންމަވާލައްވަމުން ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނު މި ދަތުރު ނިންމަވާލެއްވުމަށްފަހު ކުއަލަލުމްޕޫރުން ފުރާވަޑައިގަންނަވާއިރު، މި ދަތުރުފުޅުގެ ތެރެއިން ކުރެވިގެންދިޔަ މަޝްވަރާތަކުން އުއްމީދު އާވެފައިވާކަމަށެވެ.
އެގޮތުން ތަޢުލީމާއި، ސިއްޙަތާއި، އިޤްތިޞާދީ ތަރައްޤީއާއި، ޑިޖިޓަލައިޒޭޝަންއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެއްބާރުލުން ކުރިއެރުވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެއްވުމަށް ކުރެވުނު މަޝްވަރާތައް އެ މަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.
I extend my heartfelt gratitude to Prime Minister of Malaysia, Yang Amat Berhormat Dato' Seri @anwaribrahim and the government of Malaysia for their warm hospitality and generous support during my inaugural Official Visit to Malaysia.
— Dr Mohamed Muizzu (@MMuizzu) April 30, 2025
As I depart Kuala Lumpur, I carry with me… pic.twitter.com/H2jA1ZCYid
މީގެ އިތުރުން، ތަޢުލީމާއި، ސިއްޙަތާއި، ކުޅިވަރުގެ ދާއިރާ އާއި އެހެނިހެން ދާއިރާތަކުން ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުންތަކާ ގުޅިގެން އުފާފުޅުކުރައްވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމައެއާއެކު، މެލޭޝިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށާއި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް ހާމަކޮށްދެއްވުނުކަމަށާއި އަދި އެ ފޯރަމް ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެންނެވީތީ މެލޭޝިއާގެ ބޮޑުވަޒީރަށް އެ މަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އެ މަނިކުފާނުގެ މި ދަތުރުފުޅާއެކު، ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުޅިން އާ ޒަމާނެއް ފެށިގެން ގޮސްފައިވާކަމަށާއި، އަދި ކުރިޔަށްއޮތް ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އުއްމީދުކުރައްވާ ކަމުގައެވެ.