ޚަބަރު
ޓުއަރިޒަމް ޕްރޮމޯޓު ކުރުމުގެ ފަހުމުނާމާއެއްގައި އެމިރޭޓްސްއާއެކު ސޮއިކޮށްފި

އެމިރޭޓްސްއާއެކު ފަހުމުނާމާގައި ސޮއިކުރުން ---
ދިވެހިރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓު ކުރުމުގެ ފަހުމުނާމާއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އެމިރޭޓްސް އެއާރލައިންއާ ދެމެދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އެމިރޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ފޯ ކޮމާޝަލް އޮޕަރޭޝަންސް، ވެސްޓް އޭޝިއާ އެންޑް އިންޑިއަން އޯޝަން، އީސާ ސުލައިމާން އަޙުމަދެވެ. އަދި އެމްއެމްޕީއަރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝިއުރީއެވެ. ޝިއުރީގެ އަރިހުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރޮންމެންޓް އޮނަރަބަލް ޠާރިޤު އިބްރާޙިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، އެކުވެރި އަރަބި އިމާރާތުގައި މިހާރު ކުރިޔަށްދާ އެރޭބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ ތެރެއިންނެވެ. އަދި މި ފަހުމުނާމާގެ މަޤުސަދަކީ އެމިރޭޓްސް މެދުވެރިކޮށް ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމުގައި އެމްއެމްޕީއާރުސީއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން، ރާއްޖެއަށް އެންމެ މުހިންމު މާކެޓުތަކަށް އަމާޒުކޮށް، ޓްރެވަލް އޮޕަރޭޓަރުންނާއި ގުޅިގެން، ދަތުރުކުރުމުގެ ތަފާތު ޕެކޭޖުތައް ތަޢާރަފްކުރުންފަދަ ކަންކަން މި ފަހުމުނާމާގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގައި މަސައްކަތްކުރުން ވެސް މި އެއްބަސްވުމުގެ ދަށުން ކުރިޔަށްދާނެއެވެ.
މި ޕާޓްނަޝިޕާ ގުޅިގެން ވާހަކަ ދައްކަމުން ޝިއުރީ ބުނީ، އެމިރޭޓްސްގެ ބޮޑު ނެޓްވޯކާއެކު ރާއްޖޭގެ މަޝްހޫރުކަން އިތުރު ކުރެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
އެމިރޭޓްސްއަކީ މުޅި ދުނިޔޭގެ ގިނަ ހިސާބުތައް ފްލައިޓުތައް އޮޕަރޭޓުކުރާ އެއާރލައިނެކެވެ. 1987 އިން ފެށިގެން އެ އެއާރލައިނުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި މިހާރު އެ އެއާރލައިނުން ހަފްތާއަކު 28 ފްލައިޓު ރާއްޖެއަށް އަޅައެވެ. އެހެންކަމުން، އެމިރޭޓްސް އަކީ ރާއްޖޭގެ ޓުއަރިޒަމްގެ މުހިންމު ބައިވެރިއެކެވެ.