ޚަބަރު
އިސްލާމީ ހަޟާރަތް އިތުރަށް ކުރިއެރުވުމަށް އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރުން މުހިންމުކަމަށް ރައީސް ވިދާޅުވެއްޖެ

އައިއައިޔޫއެމް އިން ރައީސް އަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޤްރީރުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
އިސްލާމީ ހަޟާރާތް އިތުރަށް ކުރިއެރުވުމަށް އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، އައިއައިޔޫއެމްއިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ތަޤުރީރުގައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ހަޟާރާތް އިތުރަށް ކުރިއެރުވުމަށް ޒުވާނުންގެ ހިތްތަކުގައި އިސްލާމް ދީނަށްޓަކައި ލޯބި ޖެއްސުމަކީ މުހިންމުކަމެއް ކަމަށެވެ. ހަމަ އެހެންމެ، އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނެއްކަން ސާބިތުކޮށްދިނުމާއި، އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމަކީ، އިސްލާމީ ހަޟާރާތް ކުރިއެރުވުމަށްޓަކައި މުހިންމުކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލާ ރައީސް ވިދާޅުވީ، އެއް ޤައުމަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ ރިސަރޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓަރތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ޤާއިމުވެފައި ހުރުމަކީ މުހިންމުކަމެއް ކަމަށެވެ. ހަމަ އެހެންމެ، ސައިންސާއި، ދެމެހެއްޓެނިވި އުޞޫލުތަކާއި، އަޚްލާޤިއްޔަތާމެދު ބައިނަލްއަޤުވާމީ ފެންވަރެއްގައި ސިޔާސަތުތައް ބައްޓަންކުރެވޭނޭ ފަދަ މަޝްވަރާތައް އުފަންކުރުމުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީ އިން އިސްނެންގެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސްގެ ތަޤްރީރުގައި ވަނީ، ޢިލްމު އުނގެނުމުގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅުއްވާފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ސައިންސާއި، އިސްލާމްދީނާ ގުޅުމެއްނުވާކަމަށް ބުނެ ޔަހޫދީން ދައްކަމުންދާ ވާހަކަތައް ދޮގުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސައިންސާއި އަޤީދާއާއި ދޭތެރޭގައި ކުރާ ކުށްހީތައް ދޮގުކުރައްވާ، އެއީ ކުރިއެރުމުގެ ބިންގާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ދިވެއްސެވެ. އަދި އެމަނިކުފާނަކީ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޔުނިވަރސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީ އިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.