ޚަބަރު
މިއަދު އެކި ދާއިރާތަކުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކުގެ އަސްލަކީ މުސްލިމް ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް: ރައީސް

އައިއައިޔޫއެމް އިން ރައީސް އަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޤްރީރުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
މިއަދު އެކި ދާއިރާތަކުން ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކުގެ އަސްލަކީ މުސްލިމް ޢިލްމުވެރިން ކުރެއްވި މަސައްކަތްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ، އައިއައިޔޫއެމްއިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ތަޤުރީރުގައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ތަޤްރީރުގައި ވިދާޅުވީ، ދުނިޔޭގެ ތާރީޚުގައި މުސްލިމް ނުވަތަ ދީނީ ޢިލްމުވެރިންނަކީ ފާހަގަކޮށްލެވޭ ފަދަ އެތަކެއް މުހިންމު ކާމިޔާބީތަކެއް ޙާސިލްކުރައްވާފައިވާ ބައެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން އެކި ދާއިރާތަކުން ކާމިޔާބީތައް ޙާސިލްކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަދު ދުނިޔޭގައި އެންމެ މުހިންމު ދާއިރާތަކުން މުސްލިމުން ހޯދަމުންދާ ކުރިއެރުންތަކުގެ އަސްލަކީ، އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ކަމަށެވެ. އަދި މިކަމަކީ، ތާރީޚު ހެކިދޭ ކަމެއް ކަމަށް އެމަނިކިފާނު ވަނީ ވިދާޅުވެފައެވެ.
އިސްލާމްދީނަކީ ދިރިއުޅުމުގެ އަސާސް ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިސްލާމީ މުޖުތަމަޢުތަކުން ތަޢުލީމު ކުރިއެރުވުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިންފްރާންސްޓްރަކްޗަރ އަށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިއަދު އިސްލާމީ ޤައުމުތަކުން ކުރިއަށްދާންވީ އެ މުޖްތަމަޢުތަކުން ނަމޫނާ ނަގައިގެންކަމަށް ރައީށް ވަނީ ތަކުރާރުކޮށް ދަންނަވާފައެވެ. ހަމަ އެހެންމެ، ކަނޑިއަށްވުރެ ޤަލަމަކީ މާ ބާރުގަދަ އެއްޗެއްކަން ކާބަފައިން ޤަބޫލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ދިވެއްސެވެ. އަދި އެމަނިކުފާނަކީ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޔުނިވަރސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީ އިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.