ޚަބަރު
ޓޭކްއަވޭ ފިހާރައަކަށްވަދެ ބިއްލޫރި ރެކް ތަޅާލި މީހާ ހައްޔަރުކޮށްފި

މައްސަލާގައި ހައްޔަރުކުރި މީހާ. ފޮޓޯ: ފުލުހުން
މާލޭގައި ހުންނަ ޓޭކްއަވޭ ފިހާރައަކަށްވަދެ އެތަނުގައި ހުރި ބިއްލޫރި ރެކް ތަޅާލި މީހާ ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 08:56 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރީ އިއްޔެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މ. ސްޓަރ މުހައްމަދު ރަޒީން ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޓޭކްއަވޭ ތަނަަށް ވަދެ އެމީހާ ބިއްލޫރި ރެކެއް ތަޅާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ އެތަނުގެ މުވައްޒަފަކާއި ވާހަކަ ދައްކަން ހުރުމަށްފަހު، ކާއެއްޗެހި ބަހައްޓާފައި ހުރި ބިއްލޫރި ރެކްގައި ފައިން ޖަހާ، އެ ރެކް ތަޅާލާތަން ފެނެއެވެ. އަދި އެއަށްފަހު ހަމަޖެހިލައިގެން ނިކުމެގެންދާތަން ވެސް ފެނެއެވެ.