ޚަބަރު
ބަރޖާޔާގެ ފައުންޑަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ހިޒް އެކްސެލެންސީ ވިންސެންޓް ޓަން ޗީ ޔިއޫޏް ފޮޓޯ:ރައީސް އޮފީސް
ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ހިޒް އެކްސެލެންސީ ވިންސެންޓް ޓަން ޗީ ޔިއޫޏް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.
ވިންސެންޓް ޓަން އަކީ ކުރިން ބިލިއަނަރެކެވެ. 2010 ވަނަ އަހަރު ފޯބްސްގެ ބިލިއަނަރުންގެ ލިސްޓްގައި އޭނާ ހިމެނުނެވެ. އޭރު އޭނާގެ މިލްކިއްޔާތުގައި 1.6 ބިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް މިދިޔަ އަހަރުގެ ފޯބްސްގެ ލިސްޓްގައި ބުނެފައިވާ ގޮތުގައި ވިންސެންޓް ޓަންގެ މިލްކިއްޔާތުގައި މިހާރު ހުރީ 730 މިލިއަން އެމެރިކާ ޑޮލަރެވެ.
ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެކަންވެސް ހާމަކުރެއްވިއެވެ.
ވިންސެންޓް ޓަން ވަނީ ބަރޖާޔާ ކޯޕަރޭޝަން ބަރހާދް އިން މިހާތަނަށް ހިންގާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލް ޙިއްޞާކުރައްވާފައެވެ. އަދި، އެކޯޕަރޭޝަންގެ ޕޯޓްފޯލިއޯ ފުޅާކުރެވޭނެ ގޮތްތަކާއި މެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
The Founder and Advisor at Berjaya Corporation Berhad pays a courtesy call on the President https://t.co/bmp5x7CD8E pic.twitter.com/XkDdCm4HZJ
— The President's Office (@presidencymv) April 29, 2025
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި، ވިޔަފާރިކުރުމަށް ހުރި ފަސޭހަތަކާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވޭ ލުއިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ކަނެކްޓިވިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މިވާ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދެއްވާފައިވެއެވެ.
ބަރޖާޔާ ކޯޕަރޭޝަން ބަރހާދް އަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާއްމު މުދާ ވިއްކުމާއި ޓެލެކޮމިއުނިކޭޝަން ދާއިރާއިން ވެސް ވިޔަފާރިކުރާ ކުންފުންޏެކެވެ.