ޚަބަރު
ސަންވޭ ގްރޫޕްގެ ޗެއަރމަން ރައީސް މުޢިއްޒާ ބައްދަލުކޮށް އިންވެސްޓްމަންޓް ފުރުޞަތުތަކާ މެދު މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ސަންވޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއަރމަން ޓަން ސެރީ ސަރ ޑރ. ޖެފްރީ ޗިއާ ފޮޓޯ:ރައީސް އޮފީސް
ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ސަންވޭ ގްރޫޕްގެ ފައުންޑަރ އަދި ޗެއަރމަން ޓަން ސެރީ ސަރ ޑރ. ޖެފްރީ ޗިއާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއާއި، އިންވެސްޓްމަންޓް ފުރުޞަތުތަކާއި، އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
Founder and Chairman of Sunway Group, Tan Seri Sir Dr. Jeffrey Cheah, pays a courtesy call on H.E. President Dr @MMuizzu.
— The President's Office (@presidencymv) April 29, 2025
They discussed extensively on the Maldives development, investment opportunities, and potential avenues for collaboration. pic.twitter.com/IO3C5hM2zF
ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު މަޢުލޫމާތު ދެއްވިއެވެ. އަދި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
ސަންވޭ ގްރޫޕަކީ މެލޭޝިޔާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާއިރު، މި ގްރޫޕްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް، ޢިމާރާތްކުރުން، ތަޢުލީމު، ޞިއްޙީ ޚިދުމަތް އަދި ހޮސްޕިޓާލިޓީ ހިމެނެއެވެ. އެގޮތުން ސަންވޭ ޕިރަމިޑް ، ސަންވޭ ލެގޫން އަދި ސަންވޭ ޔުނިވަރސިޓީއަކީ ވެސް މިކުންފުނީގެ ދަށުން ހިންގާ ތަންތަނެވެ. 1974 ގައި އުފެދުނު މި ގްރޫޕަކީ މިހާރު އޭޝިޔާގެ އެކި ހިސާބުތަކުގައި ހިންގުންތެރި، ދެމެހެއްޓެނިވި ތަރައްޤީ އާއި އައު އީޖާދުތަކަށް އަހައްމިއްޔަތުކަން ދޭ ބަޔަކަށް ވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުންކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއެވެ.