ޚަބަރު
ރައީސް މުޢިއްޒު މެލޭޝިއާގެ ޕެޓްރޯނާސް ޓްވިން ޓަވަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާގައި ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ މަޝްހޫރު ޕެޓްރޯނާސް ޓްވިން ޓަވަރަށް ޒިޔާރަތްކުރައްވައިފިއެވެ. މިއީ ރައީސް މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސް މުޢިއްޒު ޓްވިން ޓަވަރަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޕެޓްރޮނާސްގެ ނައިބު ރައީސެވެ. މި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ އެ ޓަވަރުގެ މުހިންމު ތަންތަން ބައްލަވާލައްވާފައެވެ. އަދި ޕެޓްރޮނާސްގެ ފަރާތުން ވަނީ އެތަނުގެ އިންޖިނިއަރިންއާއި، ފަންނުވެރިކަމާބެހޭ ގިނަ މަޢުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
H.E. President Dr @MMuizzu visits PETRONAS Twin Towers in Kuala Lumpur today, where he explored the iconic building and learned about its architectural and cultural significance.
— The President's Office (@presidencymv) April 29, 2025
Upon arrival, he was received by H.E. Bacho Pilong, Senior Vice President of Malaysia Petroleum… pic.twitter.com/phciuhyFOI
ޕެޓްރޯނާސް ޓްވިން ޓަވަރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ، 452 މީޓަރުގެ އުސްމިނެއް ހުރި އިމާރާތެކެވެ. މެލޭޝިއާގެ ރަމްޒެއްގެ ގޮތުގައި ބެލެވޭ މި އިމާރާތް ޢިމާރާތްކުރުމުގެ މަސައްކަތް ފެށުނީ 1992 ވަނަ އަހަރުއެވެ. އަދި 1999 ވަނަ އަހަރުގެ އޮގަސްޓު މަހު ވަނީ މި އިމާރާތް ރަސްމީކޮށް ހުޅުވާފައެވެ.
މި އިމާރާތުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އޭގެ ފަރުމާގައި އިސްލާމީ މަޢުމާރީ ފަންނާއި މެލޭޝިއާގެ ސަގާފަތް އެކުލެވިގެންވާ ކަމެވެ. މީގެ އިތުރުން، ދެ ޓަވަރު ގުޅުވައިދޭ ސްކައި ބްރިޖަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ތަނެކެވެ.
ޕެޓްރޯނާސް ޓްވިން ޓަވަރަކީ މެލޭޝިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލު ކަމުގައިވެސް ފާހަގަކުރެވެއެވެ.